English Edition
Dhivehi Edition
އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވަނީ – ފޮޓޯ/ވަގުތު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުނުވާ ކަމަށް ވިދާޅުވެ، ރައީސާ ބައްދަލުކުރުމަށް ރައީސް އޮފީހުގައި ހުންނަވައިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިޓީއެއް ލިޔުއްވައި ރައީސް އޮފީހާ ހަވާލުކޮށްފިއެވެ.

ރައީސަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައީސާ ބައްދަލުކުރަން އަންނަތާ ހަތަރު ދުވަސް ވެއްޖެ ކަމަށެވެ. ރައީސް އާއި ބައްދަލުކުރުމަށް ބޭނުންވަނީ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކުރެއްވުމަށްކަމަށް އެ ސިޓީގައިވަނީ ބަޔާންކޮށްފައެވެ.

މި ގޮތުން ދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ގިނަ ދުވަސް ވަންދެން އޮތުމާ، ރާއްޖޭގެ މަސްކަނޑުތަކާއި ބިންތަކާއި ދިވެހިންގެ މިނިވަންކަން ވިއްކާލުމުގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް ގެނެސް، ރައީސް ފިއްލަވައިގެން އުޅުއްވާކަމަށް ވިދާޅުވެ ކަންބޮޑުވުންވަނީ ފާޅުކޮށްފައެވެ.

މި ސިޓީގައި އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ ރައީސާ ބައްދަލުކުރުމަށް އެދި އެތައް ފަހަރެއްގެ މަތިން ސިޓީ ފޮނުއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައީސް އޮފީހުގައި ހުންނަވައި އަމިއްލަ އަތުން މިއަދު ސިޓީ އެއް ލިޔުއްވަން ޖެހިވަޑައިގަތީ ރައީސް އޮފީހުގެ ރަސްމީ ޕްރޮޓޮކޯލްގެ ދަށުން ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން ކަމަށެވެ.