ހެޔޮކަމަކީ މީހާއަށް ﷲގެ ރަހުމަތާއި ނިއުމަތްތައް ލިބުމުގެ ސަބަބު ކަމުގައި ދަންނަން ޖެހޭ ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ޙައްޖުގެ މަތިވެރި އަޅުކަން” މި މައުޟޫއަށް ކުރިއަށްގެންދިޔަ ޚުތުބާގައި ބުނީ ޙައްޖުމަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުމް ހިފުމަށް ނުބައިކަންކަމުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ފާފަތަކަށް އަރައިގަތުމަކީ ﷲގެ ރަހުމަތުން ދުރުކުރެވި ނިޢުމަތްތަކުން މަޙްރޫމް ވެދާނެ ސަބަބެއް ކަމުގައި ދަންނަން ޖެހޭ ކަމަށެވެ.
ޚުތުބާގައި ބުނީ މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަކަށް ވުމުގެ ސަބަބެއް ކަމުގައި އިލްމުވެރިން ބަޔާންކުރައްވާފައިވަނީ އެންމެ މަތިވެރި ހެޔޮ ޢަމަލުތައް މި ދުވަސްވަރު ޖަމާވެގެންދާނެތީ ކަމަށެވެ.
އެހެންކަމުން ހެޔޮ ޢަމަލު ކުރުމުގައި ޝާމިލުވުމަށް އިސްކަން ދެއްވުމަށް އަވަސްވެގަތުމަށް ޚުތުބާގައި ގޮވާލާފައިވާއިރު، މި ދުވަސްވަރު ތަސްބީހަ ކިޔުމާއި ތަކްބީރު ކިޔުމާއި މާތްﷲ ހަނދުމަ ކުރުމަށް ވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތައް ކަމަށާއި އެދުވަސްތަކަކީ ހެޔޮ އަމަލުތައް ކުރުން މާތްﷲ އެންމެ ލޯބިވެ ވޮޑިގެންވާ ދުވަސްތައް ކަމުގައި ވެސް ޚުތުބާގައި ބުންޏެވެ.
އެއީ ރަޖަބު މަހާއި، ޒުލްޤައިދާމަހާއި، ޒުލްޙިއްޖާމަހާއި، މުހައްމަރަމް މައްސަރުކަން ބަޔާން ކުރައްވަމުން މިއަދު ޚުޡުބާގައި ވިދާޅުވި ގޮތުގައި މީސްތަކުންގެ ކުރު ހަޔާތުގައި ހެޔޮކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ސަވާބު ލިބޭގޮތުން، ތަކުރާރު ގޮތެއްގައި މާތްﷲ ލައްވަވާފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަ ކަމުގެ ބޮޑުކަން ހާމަވެގެންދާ ކަމެއް ކަމުގައި ވެސް ޚުތުބާގައި ބުންޏެވެ.