މީގެފަހުން ތިނަދޫން އެމްޑީޕީއަށް ކާމިޔާބު ހޯދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށާއި ތިނަދޫގެ 90 ޕަސެންޓު ތާއީދު އޮތީ ކޮން ބަޔަކަށް ކަން ރޭ އެރަށުގައި ޕީޕީއެމުން ބޭއްވި “ހެއްޔޯސާ” ޖަލްސާއިން އިން އެނގިގެން ދިޔަ ކަމަށް ޕީ.ޕީ.އެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ހެއްޔޯސާ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ “ހެއްޔޯސާ” ގެ ނަމުގައި ބޭއްވި ޖަލްސާއަކީ އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކަށް ރައްދުދީ އެފަރާތްތަކަށް ގޮންޖެހުމަށް ބޭއްވި ޖަލްސާއެއް ކަމަށެވެ.
“ހެއްޔޯސާ ޖަލްސާ ބޭއްވީ އިދިކޮޅު ފަރާތްތަކުން ހިންގާ އަމަލުތަކަށް ރައްދުދީ އެފަރާތްތަކަށް ގޮންޖެހުމަށް. އަދި އަމާޒަކީ މިހާރު ހުސްވެފައިވާ ތިނަދޫގެ ދެދާއިރާގެ ގޮނޑި ސަރުކާރަށް ކާމިޔާބުކުރުން. އެކަން ކާމިޔާބުވާނެކަން މިއަދު ތިނަދޫ ރައްޔިތުންގެ ފަރާތުން ލިބޭ ތާޢީދުން ހާމަވޭ” ޖަލްސާގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވިއެވެ.
ތިނަދޫގެ ދެ ދައިރާގެ ގޮނޑި އަނބުރާ ޕީޕީއެމަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ނިހާން ވަނީ އިދިކޮޅު ފަރާތްތަކަށް ހުވަދޫ ބަހުރުވައިން، ބަހުގެ ހަމަލާތައް ރައްދު ކުރައްވާފަ އެވެ. ނިހާން ވިދާޅުވީ ތިނަދޫގެ ދެ ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރާނީ ރައީސް ޔާމީން ތިނަދޫއަށް ގެނެސްފައިވާ، އަދި ގެންނާނަން އުޅޭ ތަރައްގީގެ ޕްރޮޖެޓްތަކާއެކުގައި ކަމަށެވެ.
ރޭގެ ޖަލްސާގައި ނިހާން ވަނީ އިދިކޮޅު ފަރާތްތަކުން ދާދިފަހުން ތިނަދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ތިނަދޫ ރައްޔިތުންނަށް އަނިޔާވެރިވި ކަމަށް އެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި ކަމަށާއި ނަމަވެސް ތިނަދޫ ރައްޔިތުންނަށް އެންމެ ބޮޑަށް އަނިޔާވެރިވީ 1962 ވަނަ އަހަރު ރާއްޖޭގައި އޮތް ސަރުކާރުން ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް އެކަން ނޭނގުނު ކަމަށާއި އެބޭފުޅުންނަކީ “ކަނޑުކޮހުން” ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ނިހާން ވިދާޅުވީ 1962 ވަނަ އަހަރު ތިނަދޫން މީހުން ބޭލިފަހުން އަލުން އަނބުރައި އެރަށަށް މީހުން އާބާދުވި ފަހުން ފާއިތުވި 50 އަހަރު އެރަށަށް ތަރައްގީ ގެނެސްދެއްވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ ރައީސް ޔާމީން ކަމަށެވެ.