ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ދިއުމުން އެ ކޮމިޝަންގެ މެންބަރުންގެ ފަރާތުން ފެނިގެންދިޔަ ލާއިންސާނީ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޕީޕީއެމް އިން ބުނެފިއެވެ.
ޕިޕީއެމް، ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ޙަވާލުކުރެވިފައިވާ ޒިންމާ އަދާނުކުރެވޭތީ ވަގުތުން އިސްތިޢުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.
އެ ކޯލިޝަނުން ބުނީ އެޗްއާރްސީއެމް އަށް ދިޔައި ރައީސުލްޖުމްހޫރިއްޔާގެ އޯޑަރަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިންސާނީ ކަރާމަތަށް އަރައިގަނެ އެމަނިކުފާނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާ ގުޅިގެން ކަމަށެވެ. އަދި ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުގެ ބޭނުން ހިފަމުން ގެންދާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަންގައިގެން ފުލުހުން ތަކުރާރުކޮށް ދެމުންދާ އަނިޔާތަކުގެ ވާހަކަތައް ޙިއްސާ ކޮށް މަޝްވަރާ ކުރުމަށް ކަމަށެވެ.
އެ ކޯލިޝަނުން އެޗްއާރްސީއެމް އާއި ވީ އެންމެ އަވަސް ފުރުޞަތެއްގައި ބައްދަލުކުރަން އެދުމުން ކޮމިޝަންގެ ރައީސްއާއި ކޮމިޝަންގެ މެންބަރުންނަށް ވަގުތު ނެތް ކަމަށް ވިދާޅުވުމުން، ކޮމިޝަންގެ ޒިންމާދާރު ޖަވާބުދާރީ ވެވޭނެ ބޭފުޅަކާއި ބައްދަލުކުރުމުގެ އިންތިޒާމުހަމަޖައްސަވައިދެއްވުމަށް ވެސް އެދުނު ކަމަށާއި ނަމަވެސް އެކަންވެސް ކޮށްދެއްވުމެއް ނެތި، އެތަނަށް ފުލުހުން ގެނެސް އެޗްއާރްސީއެމް ގެ ދޮރު ބަންދުކޮށް އެތެރޭގަ ތިބި ބަޔަކު އެތެރޭގަ ބޭރުން ކޮމިޝަނަށް ކަންކަންމުގައި ޚިދުމަތް ހޯދުމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަނަނުދިނުމަކީ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ޤާނޫނީ ޒިންމާ ޙަވާލުކުރެވިފައިވާ މުއައްސަސާއިން ކުރެއްވި ވަރަށްވެސް ލާ އިންސާނީ ޢަމަލެއް ކަމަށް ބުންޏެވެ.
” ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ބައްދަލުކުރެވޭނީ ސަރުކާރުން ނަގަންޖެހޭ ހުއްދަ ލިބުމުންކަން ދޭހަވާ ގޮތަށް ވާހަކަ ދެއްކުން އެއީވެސް ބަލައިގަންނަން ދަތި ކަމެކެވެ. މިކޯލިޝަންގެ ވެރިން އެދެނީ ކޮމިޝަންގެ ޒިންމާދާރު އަދި ޖަވާބުދާރިވެވޭ ފެންވަރުގެ ކޮންމެވެސް ބޭފުޅަކާއި ވީއެންމެ އަވަހަކަށް ބައްދަލުކޮށް މިކޯލިޝަނާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކެއް ޙިއްސާކޮށް އެކަންކަމުގައި އެކޮމިޝަންގެ ޤާނޫނީ ވާޖިބު އަދާކޮށްދެއްވައި ދިވެހި ރައްޔިތުންނަށާއި ރައީސް ޔާމީނަށް އިންސާފު ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމެވެ. އަދި އެވަގުތު ކޮމިޝަންގެ ރިސެޕްޝަނުން ވާހަކަ ދެއްކެވި ޞެފުލަކު ވިދާލުވީ މިވަގުތު ބައްދަލުވުމެއްގަ ތިއްބެވުމުން މަޑުކޯށްލުމަށެވެ.” ޕިޕީއެމް ގެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ އެގޮތުން އެ ކޯލިޝަންގެ ލީޑަރޝިޕުން މަޑުކޮށްލައިގެން ތިބޭތާ މިހާރު 8 ގަޑިއިރުވީ އިރުވެސް ބޯނެ ފެންފޮދެއް ވެސް ދެއްވާފައި ނުވާ ކަމަށާއި ފާޚާނާ ކުރެއްވޭނެ އިންތިޒާމު ވެސް ހަމަޖައްސަވައި ނުދޭ ކަމަށެވެ. އަދި ކޮމިޝަނާއި ބައްދަލުކުރައްވަން ވަޑައިންނެވި އެ ކޯލިޝަންގެ ލީޑަރޝިޕްގައި ހިމެނިވަޑައިންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށެވެ.
ޕީޕީއެމް އިން ބުނީ ކޮމިޝަނުން ޢަމަލުކުރަމުން ގެންދަނީ އެކޮމިޝަންގެ ޤާނޫނާއި މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުގެ ޤާނޫނާ ވެސް ޚިލާފަށް ކަމަށާއި އެއްވެސް ހާލެއްގައި އެ ކޯލިޝަންގެ ލީޑަރޝިޕުން އެކޮމިޝަނަށް ވަޑައިން ތިއްބެވީ އެކޮމިޝަންގެ މެންބަރުންގެ ނުވަތަ މުވައްޒަފުންގެ ކިބައިން އެބެފުޅުންނާއި ހަވާލުކުރެވިފައިވާ ޒިންމާގެ ބޭރުން ކަންތައްތަކެއް ކުރުމަށް އެދޭކަށް ނޫން ކަމަށެވެ.
މީގެ އިތުރުން ޤާނޫނުން ޙަވާލުކުރެވިފައިވާ ޒިންމާ އަދާ ނުކުރެއްވޭނަމަ ނުވަތަ ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ޢުޒުރުވެރިވެ ވަޑައިންނަވާނަމަ ކޮމިޝަންގެ ޒިންމާ އަދާކުރެއްވުމަށް ހުވާ ކުރައްވައިގެން ތިއްބެވި ކޮމިޝަންގެ ރައީސް އާއި އެންމެހާ މެންބަރުން މިހާރުން މިހާރަށް އިސްތިޢުފާ ދެއްވުމަށް ވެސް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.