މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމާ އެކު ސަރުކާރާ އިދިކޮޅު މެންބަރުން ރިޔާސަތައް ހުރަސް އެޅުމުން ޖަލްސާ މެދުކަނޑާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެޖެންޑާކޮށްފައިވާ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ، ނައިބު ރައީސް އީވާ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެފައިވާތީ މިއަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެޖެންޑާ އޮތީ ގަވާއިދާ ހިލާފަށްކަމަށް ވިދާޅުވެފައެވެ. އަދި ކުއްލި މައްސަލަ ހުށަހަޅަން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވި ފުުރުސަތުގައި ވެސް އަލީ އާޒިމް ވަނީ އާދަމް ޝަރީފްގެ މައިކު ކައިރިއަށް ވަޑައިގެން ވާހަކަ ދައްކަވަން މަސައްކަތް ކޮށްފައެވެ.
އެހެންކަމުން ޖަލްސާ ކުރިއަށް ގެންދިއުމަށް ދަތިވުމާ ގުޅިގެން މަޝްވަރާ ކުރުމަށް މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު މި ދެ ހަފްތާގައިވެސް މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.