English Edition
Dhivehi Edition

ދައުލަތުގެ އެއްބާރުގައި މަރުތަޅުއެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއްނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައި މިވަނީ މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި، ހުއްޓާލަން ޖެހިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

އެމްއެންޕީގެ ރިޔާސީ ކެންޑިޑެންސީ ވެސް އަރުވާފައިވާ ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށެވެ.

ދައުލަތުގެ އެއްބާރުގައި މަރުތަޅުއެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން ކަމަށާއި ދައުލަތަށް ދިމާވެދާނޭ ކޮންމެކަމެއްގައި މަޖިލީހުގެ ދައުރުއަދާކުރެވޭގޮތަށް ކަންކަން ފަހިކުރެވެންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިނިވަން އިންތިޚާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގައި އެޅިފައިވާ މަރުތަޅު ނައްޓާލައްވައި، މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއަދާކުރުމަށް ޖާގަދެއްވުމަށް އިސްނެންގެވުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ވަނީ ހުއްޓާލާފައެވެ.

މިއަދުގެ ޖަލްސާ ހުއްޓާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ގަރާރު އިއްވުމަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މިއަދުގެ ޖަލްސާގައި އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އީވާގެ މައްސަލަ އެޖެންޑާކޮށް މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓައިދިނުމަށް ސިޓީއަކުން ނަޝީދަށް އެންގި ކަމަށެވެ.

އެހެންނަމަވެސް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ކަނޑަނޭޅެނިސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާކަމަށް ނަޝީދު ދެންނެވި ކަމަށް ނިއުޝާ ވިދާޅުވިއެވެ. އެހެންވެ، މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނެތުމުން ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭ ޖަލްސާއެއްގައި، އެ މައްސަލަ ނުނިންމައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާއިރު، މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބަލަހައްޓަވާނަމަ ދެން ރިޔާސަތު ބަލަހައްޓާނެ މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވަން ޖެހޭނެއެވެ.

ކަންމިހެން އޮތްނަމަވެސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނެ ވަކި މެންބަރަކު މަޖިލީހުގެ ރައީސް ކަނޑައަޅުއްވައިފައެއް ނުވެއެވެ.