English Edition
Dhivehi Edition

ދަ ޑިކޮމްރެޓްގެ ހުސްވެފައިވާ ރައީސްކަމުގެ މަގާމަށް އެ ޕާޓިގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހޮވައިފިއެވެ.

ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޕާޓީގެ ރައީސަކަށް އިންތި ހޮވާފައިވާއިރު ޕާޓީގެ ނައިބަކަށް ހޮވާފައިވަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދެވެ.

ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސް ހޮވާފައި މިވަނީ، އެ ޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހަސަން ލަތީފް އަދި ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު ޝިފާޒް އިސްތިއުފާ ދެއްވައި ޕާޓީ ދޫކޮށް ވަޑައިގަތުމާއި ގުޅިގެންނެވެ. އެ ޕާޓީގެ ބައެއް އިސް މެންބަރުން ޕާޓީ ދޫކޮށް ދިޔަނަމަވެސް ޕާޓީއަށް ކުރިމަގު އެބައޮތްކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މަޖިލިސް މެންބަރުންނާއި، އާންމު މެންބަރުން ބައިވެރިވެފައެވެ. އޮންލައިންކޮށް ވެސް ޖަލްސާގައި މެންބަރުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ހަސަން އަފީފު ހިމެނިވަޑައިގަންނަވައެވެ.

ޑިމޮކްރެޓްސްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަށް ސަޕޯޓް ކުރާ ބޭފުޅުން އިސްކޮށް ތިބެ އުފެއްދި ޕާޓީއެކެވެ. މި ޕާޓީ އުފެދިފައިވަނީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، އެ ބޭފުޅުން ޕާޓީން ވަކިވުމަށް ފަހެވެ.

ޑިމޮކްރެޓްސްގެ ސިޔާސީ ހަރަކާތްތައް މަދު ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭ އެ ޕާޓީން ބޮނޑިބަތް ޕާކުގައި ޖަލްސާތަކެއް ބާއްވައި އަޑުއުފުލައިފައިވެއެވެ.