English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީ (ޖޭޕީ) ރިޔާސީ ޓިކެޓް ހަވާލުކުރުން މިރޭ އޮންނާނެއެވެ.

އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ ކާނިވާ ސަރަހައްދުގައި މިރޭ 9 ޖަހާއިރުއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާްއވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ފަރާތުން، އެއްވެސް އެހެން ޕާޓީއަކާ ކޯލިޝަން ނުހަދާ، ވާދަކުރުމަށް ނިންމާފައިވާއިރު، އެޕާޓީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަތީ އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށެވެ.

ޖޭޕީން މައުލޫމާތު ދީފައިވާ ގޮޮތުގައި މިރޭގެ ރަސްމިއްޔާތުގައި މި ރަސްމިއްޔާތަށް ގާތްގަނޑަކަށް 4000 މީހުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

މި ރަސްމިއްޔާތުަގއި ގާސިމަށް ޓިކެޓް ހަވާލުކުރުމާއި ގާސިމްގެ ޚާއްސަ ތަގްރީރެއް އޮންނާނެ ކަމަށް ވެސް އެ ޕާޓީން މައުލޫމާތު ދީފައިވެއެވެ. އަދި މި ތަގްރީރުގައި ޤާސިމްގެ ކެމްޕޭން ބައެއް ވައުދުތައް ޢިއުލާން ކުރައްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ގާސިމް އިބްރާހިމް އަށް ޖޭޕީގެ ރިޔާސީ ޓިކެޓް މިރޭ ހަވާލުކުރާއިރު، އެ ޕާޓީއަކީ މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ ޕާޓީއެކެވެ.

އެހެންނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ނުކުރަން އެ ޕާޓީން ވަނީ ނިންމާފައެވެ.