ދިވެހިންގެ ބައިވެރިވުމެއް ނެތި ރާއްޖޭގެ އެއަރޕޯޓްތައް ހިންގަން ބޭރުގެ ކުންފުނިތަކަށް ދިނުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބްރިގޭޑިއާ (ރިޓަޔާޑް) އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އިބްރާހީމް ދީދީ މިހެން ވިދާޅުވެފައިވަނީ ބޭރު މީހުންނާއި ކުންފުނިތަކުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓުތައް ހިންގޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހު ގެނައުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
މިކަމާއި ގުޅިގެން އިބްރާހީމްދީދީ ކުރެއްވި ޓުވިޓުގައި ވިދާޅުވީ ދިވެހި ސަރުކާރުގެ މި ނިންމުމަކީ ސަރަހައްދުގެ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. “ކޮބައިތޯ ޤައުމީ ސަލާމަތާބެހޭ ކައުންސިލް؟ މިނިސްޓަރ މާރިޔާ ހޭފުޅުލައްވައިތޯ؟ ނޫނީ މިވަނީ ކީއްތޯ؟ ޤާނޫނު އަސާސީގެ 237 ވަނަ މާއްދާ ވަޅުލީތޯ؟” އިބްރާހީމް ދީދީގެ ޓުވިޓްގައި ސުވާލުކުރެއްވިއެވެ.
ގާނޫނުއަސާސީގެ 237 ވަނަ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނަނީ ސަލާމަތީ ހިދުމަތްތަކުން ރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވާއިރު އެއާޕޯޓުތައް ހިންގޭނެހެން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ (އެފްޑީއައި) އަށް އިސްލާހު ގެނައުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެފްޑީއައި އުސޫލަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ އުތުރުން އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާ އާ ހަވާލު ކުރަން އުޅޭކަމަށް ވާހަކަ ދެކެވިފައިވާ ދަނޑިވަޅެއްގައި ކަމުން ގިނަ ބަޔަކުވަނީ މީ މާކުރިން ދުރާލާ ރޭވިގެން ހިންގަމުން އަންނަ ކަމެއްކަމަށް ތުހުމަތުކޮށްފައެވެ.