English Edition
Dhivehi Edition

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއާމަން ކަމުގެ މަގާމުން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުހައްމަދު ދީދީ އިސްތިއުފާދެއްވައިފިއެވެ.

މިކަން ހާމަކުރައްވައި ދީދީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ ބޯޑް އޮފް ޑިރެކްޓަރސް ގެ ޗެއާމަން ކަމުންނާއި ޕީސީބީގެ ބޯޑު މެމްބަރުކަމުން އިސްތިއުފާދެއްވި ކަމުގެ ލިޔުން ހުށަހަޅުއްވައިފި ކަމަށެވެ.އެ މަގާމުގައި އޭނާ ހުންނެވި މުއްދަތުގައި، ސްޓެލްކޯގެ އެންމެހާ މުވައްޒަފުންނާއި އެކުގައި މަސައްކަތްކުރެއްވި ބޯޑު މެމްބަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ދީދީ ޝުކުރު އަދާކުރެއްވިއެވެ.

ސްޓެލްކޯގެ ޗެއާމަން ކަމުން ދީދީ އިސްތިއުފާދެއްވުމާ ގުޅިގެން އެ ކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ ދީދީ ކޮށްދެއްވި ޚިދުމަތަށް ޝުކުރު ދަންނަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ދީދީ ސްޓެލްކޯގެ ޗެއާމަން ކަމަަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ ޖޫން މަހުއެވެ.އެ މަގާމަށް ދީދީ އައްޔަންކޮށްފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުހައްމަދު ރަޝީދު 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އަވަހާރަވުމާ ގުޅިގެންނެވެ.

ބްރިގޭޑިއަރ ޖެނެރަލް (ރޓ) އިބްރާހީމް މުޙައްމަދު ދީދީ އަކީ ރައްޔިތުންގެ މަޖިލީޙުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރުކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ޤައމީ ދިފާޢި ބާރުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ. އިބްރާހިމް މުޙައްމަދު ދީދީ އަކީ ކުރީގެ ރައީސް، މުޙައްމަދު ނަޝީދުގެ ވެރިކަމުގައި މާލެ ސަރަޙައްދުގެ ކޮމާންޑަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.