English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަމަށް ތައްޔާރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ތައްޔާރު ވާނެ ކަމަށް އެ ޕާޓީގެ ދެކުނުގެ ކެމްޕެއިން މެނޭޖާ އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދާއެކު މަޝްވަރާ ކުރުން ކުރިއަށް ދާނެ ކަމަށާއި އެކަން ނުހުއްޓޭ ކަމަށެވެ. އަދި ރައީސް ނަޝީދާ ޖޭޕީގެ ގުޅުން ކެނޑިގެން ނުދާ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދާއި ކޯލިޝަން ހަދަން ޖެހިއްޖެ ހާލަތެއްގައި ވެސް އެ ޕާޓީ ތައްޔާރުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އިލްހާމް ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ ޖޭޕީގެ ރިޔާސީ ޓިކެޓު ގާސިމްއަށް އެރުވުމަށް މިރޭ އޮންނަ ޖަލްސާގެ ތަފްސީލު ވެސް ދެއްވާފައެވެ.

އެގޮތުން މިރޭ 8:30ގައި ކާނިވަލްގައި ބާއްވާ ޖަލްސާގައި މާލެ ސަރަހައްދުގެ މީހުން ހިމެނޭ ގޮތަށް 4،000 މީހުން ބައިވެރިވާނެ ކަމަށާއި އެ ޖަލްސާއަށް ގާސިމްގެ އާއިލާގެ މެންބަރުން ފިޔަވައި އަތޮޅު ތެރެއިން މީހުން ނާންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމްގެ ތަފާތަކީ އެބޭފުޅާއަކީ ވައުދު އަދާ ކުރައްވާނެ ބޭފުޅެއް ކަމާއި އެހެން ބޭފުޅުން ތަފާތަކީ އަދި މައްސަލައަކީ އަބަދުވެސް ކޮށްދޭނަމޭ ބުނި ނަމަވެސް ދުވަހަކު ވެސް ކަންކަން ނުވުން ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވަނީ އެ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމްއެވެ.