English Edition
Dhivehi Edition
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ފުރަބަންދު ތަންފީޒްކުރުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން އިންވެސްޓިގޭޝަން އޮފިސަރުން ހޯދުމަށް އިޢުލާނުކޮށްފިއެވެ.

ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަ ކޮށްގެން މުވައްޒަފުން ހޯދުމަށް ކޮށްފައިވާ އިޢުލާނުގައި ތިން މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ގޮތުން އޮފިސަރުން ހޯދަމުންދަނީ ސާޖަންޓް ގްރޭޑް 1، ސާޖަންޓް ގްރޭޑް 2 އަދި ސީނިއަރ ސާޖަންޓް ގްރޭޑް 2 އަށެވެ.

މިގޮތުން ސާޖަންޓް ގްރޭޑް 1 މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އޮޕަރޭޝަނަލް ޕޮލިސިންގގެ ދާއިރާއަކުން ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ސާޖަންޓް ގްރޭޑް 2ގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ ލެވަލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ސީނިއަރ ސާޖަންޓް ގްރޭޑް ދޭއްގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މި އިއުލާނުގައިވާ ގޮތުން ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރެކްރޫޓްކުރެވޭ ފަރާތްތައް ރެކްރޫޓްކުރެވޭ ތާރީހުން ފެށިގެން 3 މަސް ދުވަސް ހަމަވުމުން ސަރވިސް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް ހަމަޖެހިގެން ދާނެ ކަމަށެވެ. މީގެ އިތުރުން މުވައްޒަފަށާއި މުވައްޒަފުންގެ އާއިލާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމުގެ ހަރަދާއި މުވައްޒަފުންގެ ކެއިން ބުއިމާއި ހުރުމުގެ ހަރަދުގެ އިތުރުން މުވައްޒަފަށް ކިޔެވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 5 ވަނަ ދުވަހުން ފެށިގެންނެވެ. ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ޖޫން 20 ވަނަ ދުވަހުގެ 16:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޓެގު