English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެނިފެސްޓޯ ލޯންޗުކުރުން ޖޫން 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެ ޕާޓީން ބުނީ “އުޖާލާ ޒަމާން މެނިފެސްޓޯ” ލޯންޗުކުރުން އޮންނާނީ ޖޫން 7 ވާ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އަދި މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އެރޭ 20:30 ގައި ހެންވޭރު މީރުމާ ގެ އެއްވަނަ ފަންގިފިލާގައި ހުންނަ ކާނިމާ މާލަމުގައި ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް އެމްއެންޕީ ގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމަށެވެ.

އެމަނިކުފާނަށް ރިޔާސީ ޓިކެޓު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މެއި 26 ވީ ހުކުރުދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްއެންޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު، ބޭއްވި އެ ރަސްމިއްޔާތުގައި ކެމްޕޭން ޝިއާރު “އުޖާލާ ޒަމާން” އިއުލާންކޮށް ކެމްޕޭންގެ ރަސްމީ ލަވަ ވެސް ވަނީ އާންމު ކޮށްފައެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ދާ ޖަލްސާގައި ޓިކެޓާއި ހަވާލުވުމަށްފަހު ނާޒިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ދެއްކެވި ވާހަކައިގާ ވިދާޅުވީ ރާއްޖޭގެ ރައީސްކަމަށް ވާދަ ކުރައްވާއިރު އަދިވެސް އޭނާ ދެމިހުންނެވީ ރާއްޖޭގެ ދިފާއީ ބާރުގައި ޚިދުމަތް ކުރެއްވުމަށް އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވުމަށް ގުޅިވަޑައިގެންނެވިއިރު ކުރެއްވި ހުވާގެ މަތީގައި ކަމުގައެވެ.

ގައުމު އޮޔާ ދާތަން ބައްލަވަން ހުންނެވުމަކީ ޒަމީރު ގަބޫލުކުރާކަމެއް ނޫން ކަމަށާއި ގައުމުގެ މާޒީގެ ބަތަލުން ވީ ޖިހާދުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ޖަލްސާއަށް މަންމާފުޅު ހާޒިވެ އިންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ބައްޕަ ދުނިޔޭގެ ނެތްނަމަވެސް ބައްޕަގެ ރުހުން އޮތް އެނގިވަޑައިގެން ހުންނެވި ކަމުގައި ވެސް އެރޭ ނާޒިމް ވަނީ ވިދާޅުވެފައެވެ.