ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުު ސާލިހް ދިވެހި ރައްޔިތުންނަށް ހިޔާނާތްތެރިވެވަޑައި ނުގަންނަވާނެ ކަމަށާއި އިތުރު 5 އަހަރުގެ ދައުރެއް އެމަނިކުފާނަށް ދެއްވުމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު އެދިވަޑައިގެންފިއެވެ.
މޭޔަރި މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް އައްޑޫ ސިޓީ އަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ރޭ އައްޑޫ ސިޓީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މޭޔަރ ވިދާޅުވީ ވާދަވެރި ފަރާތްތަކުން މަސައްކަތް ކުރަނީ ފިތުނަވެރި ވާހަކަތައް ދައްކައިގެން ގައުމު ހަލަބޮލި ކުރަން ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއްވެސް ހަގީގަތެއް ނެތް ވައްކަން މީހުންގެ ބޮލުގައި އަޅުވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑަށް ވަނީ ރައީސް ސާލިހްއާ ވަރަށް ގާތުން މަސައްކަތް ކުރެވިފަ. މިއަދު ބައެއް ފަރާތްތަކުން އެމަނިކުފާނުގެ ބޮލުގައި އެކި ކަހަލަ ތުހުމަތުތައް އަޅުވަމުން އެގެންދަނީ. އެހެންނަމަވެސް އެމަނިކުފާނަށް ކޮންމެ ފަދަ ތުހުމަތެއް ކުރެއްވި ނަމަވެސް އެމަނިކުފާނު ހުންނަވާނީ އަޑު އައްސަވައިގެން. އެކަމަކާއި ގުޅިގެން އެއްވެސް ކަހަލަ ރައްދެއް ނުދެއްވާނެ. އެއީ ރައީސްގެ މިޒާޖު.” ނިޒާރު ވިދާޅުވިއެވެ.
ސިޔާސީ ކަންކަމުން ކުރިއަރައިގެންދާން ބައެއް ފަރާތްތަކުން ދައްކަމުންދާ ފިތުނައިގެ ވާހަކަތަކުގައި ޖެހުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވަނީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައެވެ.