ނަލަފެހި މީދޫ ޓީމުން އިސްނަގައިގެން ޝަމްސުއްދީން ސްކޫލާ، ސ.އަތޮޅު މަދަރަސާއާއި ގުޅިގެން 2000 ރުއް އިންދުމުގެ ޕްރޮގްރާމެއް ސ.މީދޫގައި ފަށައިފިއެވެ. މިއަދު މެންދުރު އައްޑޫ ސިޓީ މީދޫ ގައުކަނޑާ ފަންނުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި ޝަންގްރިއްލާ އާއި ދުނިޔޭގެ މަޝްހޫރު ޓްރެވެލް އެޖެންސީ ކޯނީގެ މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި އާއްމު ރައްޔަތުންވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމާއި ބެހޭ ގޮތުން އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ނަލަފެހި މީދޫގެ ފަރާތުން ފިޒާމް ބުނެފައިވަނީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް މަގްސަދަކީ މީދޫ ފެހި ތަނަކަށް ހެދުން ކަމަށާއި، ނެތެމުންދާ ރުއްތަކާއި ގަސްތައް އިންދާ އާލާކުރުން ކަމުގައެވެ. “މަގުގެ އެއް ފަޅީގަ ރުއް ޖަހާފައި އަނެއް ފަރާތުގައި ހިޔާދޭ ކަހަލަ ފެތިރޯނު ގަސްތައް ޖަހަން ނިންމާފައިވަނީ.” ފިޒާމް ބުންޏެވެ. އެކި ދުވަސްތަކަށް ބާހާލައިގެން މީދޫގެ ވަށައިގެން އިންދުމަށް ހަމަޖެހިފައިވާ ރުއްތައް ގެނެއެމުށް ހަމަޖެހިފައިވަނީ ޝަންގްރިއްލާ އިންކަމަށް ނަލަ ފެހި ޓީމްގައި އިސްކޮށް ހަރަކާތްތެރިވާ ކާމިލް(ޤާރީ) ވަނީ ބުނެފައެވެ. ” މިބަލަނީ އެއް ސައިޒެއްގެ ރުއްތައް ޝަންގްރިއްލާ އިންނާއި ހެރެތެރެއިން ގެނެވޭތޯ. މިހާރު ހެރަތެރެއާއި އެކު އެކަމާ ގުޅޭ ވާހަކަތައް މިދަނީ ދައްކަމުން.” ގާރީ ބުންޏެވެ.ނަލަފެހި ޓީމުން ބުނެފައިވަނީ އެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މީދޫގައި 1000 ރުއް އިންދުންކަމުގައެވެ. ނަލަފެހި ޓީމުން އިސްނަގައިގެން މިހާރުވެސް މީދޫގައި ހިތްފަސޭހަ މައިޒާންތައް ހަދާފައިވާއިރު ރަމަޟާން މަސް ނިމުމުން އިތުރު ފަސް ސަރަހައްދެއްގައި މައިޒާންތައް ހަދަން ފަށޭނެ ކަމަށް އެ ޓީމުގެ ފަރާތުން ބުންޏެވެ ނަލަފެހިން މިހާރުވެސް މީދޫ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމަށްޓަކައި މާ ގަސްތައް އިންދާފައިވާ އިރު މި މަސައްކަތުގެ ބޮޑު ބައި މިހާރުވަނީ ނިމިފައެވެ.