English Edition
Dhivehi Edition

މެޕްސް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ޝަރަފްވެރިކޮށްދެއްވި މިޙަފްލާގައި ވިޔަފާރިއާގުޅޭ ހަތް ދާއިރާއެއްގެ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީގެ ކޯސްތަކާއެކު، މެޕްސް ކޮލެޖުން ހިންގާ 40 ކޯހަކުން ދަރިވަރުންވަނީ ދަސްވެނިވިފައެވެ. އޭގެތެރޭގައި އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭ.ބީ.އީ)، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއާއި، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ އަލްފާޟިލާ ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި، މެޕްސް ކޮލެޖުގެ އަމާޒަކީ، ފެންވަރު ރަގަޅު ތަޢުލީމީ ޚިދުމަތް މުޖްތަމަޢަށް ފޯރުކޮށްދިނުންކަމަށާއި މެޕްސް ކޮލެޖުން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަކީ، ޢިލްމީ، ޤާބިލު އަދި ރިވެތި އަޚުލާޤެއްގެވެރި، މުޖްތަމަޢަށް ހެޔޮގޮތުގައި ޚިދުމަތްކޮށްދޭނެ ދަރިވަރުންތަކެއް ބިނާކުރުންކަމަށް ވިދާޅުވިއެވެ. އަދި މެޕްސް ކޮލެޖުގެ ދަސްވާރުންނަކީ ޤައުމަށް ޚިދުމަތްތެރި ބަޔަކަށްވުމަށް އިލްތިމާސްކުރެއްވިއެވެ.

އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަސް ލެވެލްގެ ކޯސްތަކެއް މެޕްސް ކޮލެޖުން މިހާރުވެސް ކުރިޔަށްގެންދާއިރު، މާސްޓަރސް ލެވެލްގެ މުޅީން އާ ތިން ކޯހެއް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގެ އުފާވެރި ޚަބަރުވެސް ޑެޕިއުޓީ ރެކްޓަރ ރޭގެ ރަސްމިއްޔާތުގައިވަނީ ދެއްވާފައެވެ. އެއާއެކު ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއެކު ތަޢުލީމީ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ތަޖުރިބާގެ އަލީގައި، ‘ބްލެންޑެޑް މޮޑަލިޓީ’އަށް ކިޔަވައިދިނުންވެސް ތަޢާރަފްކުރުމަށް ރާވަމުންދާކަމަށް ޑެޕިއުޓީ ރެކްޓަރވަނީ ވިދާޅުވެފައެވެ. ‘ބްލެންޑެޑް މޮޑަލިޓީ’ ތަޢާރަފްކުރެވުމުން އޮންލައިންކޮށް ކިޔަވާ ދަރިވަރުންނަށްވެސް ކޮލެޖަށް ހާޒިރުވެ ކިޔަވާ ދަރިވަރުންނާއެކު އެއް ކްލާހެއްގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ދަރިވަރުންނާ މުޚާތަބު ކުރައްވަމުން ޑެޕިއުޓީ ރެކްޓަރ އަލްފާޟިލާ ފާތިމަތު ރަޝީދު ދަރިވަރުންނަށް އިލްތިމާސްކުރެއްވީ، މެޕްސް ކޮލެޖާއި ދަރިވަރުން ވަކިވެގެންދިޔަ ނަމަވެސް މެޕްސް ކޮލެޖްގެ އެލުމްނީ ޖަމްޢިއްޔާ މެދުވެރިކޮށް ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށެވެ. މިހާރުވެސް ދަރިވަރުންގެ މެދުގައި ގިނަ ހަރަކާތްތަކެއް މެޕްސް ކޮލެޖުގައި ކުރިޔަށްގެންދާއިރު މެޕްސް ކޮލެޖުގެ އެލުމްނީ ޖަމްޢިއްޔާ ރަސްމީކޮށް ތަޢާރަފްވެގެންދިއުމުން މިހާރު މެޕްސް ކޮލެޖުގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނާއެކު، ދަސްވެނިވިފައިވާ ދަރިވަރުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް ހަރަކާތްތައް ހިންގުމުގެ ފުރުސަތުތަކެއް މަގުފަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ޑެޕިއުޓީ ރެކްޓަރވަނީ ވިދާޅުވެފައެވެ.

ޙަފްލާ ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ހަޔަ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަންގެ ވާހަކަފުޅުގައި މެޕްސް ކޮލެޖުގައި ހޭދަކުރެވުނު ދުވަސްތަކަކީ ތިމާގެ ޝަޚްސިއްޔަތު ބައްޓަންކުރުމުގައި މުހިއްމު ދައުރެއް އަދާކުރި ދުވަސްތަކެއްކަން ރޭގެ ދަސްވާރުން ގަބޫލުކުރާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ޤައުމުގެ ކުރިމަގަށް ބޭނުންވާ ޢިލްމުހުރި، ޤާބިލު ފަރާތްތަކެއް ބިނާކުރުމުގައި މެޕްސް ކޮލެޖުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް މެޕްސް ކޮލެޖުގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. ޝަރަފްވެރި މެހެމާންގެ ވާހަކަފުޅު ނިންމާލައްވަމުން ރޭގެ ދަސްވާރުންނަށް އިލްތިމާސްކުރެއްވީ، މުޖްތަމަޢުގައި ތަފާތު ދައްކާނެ ބަޔަކަށްވުމަށާއި، ތިމާއާއި އެހެން މީހުންނާއި ތަފާތުވާން ޖެހޭނެ ކަމަށާއި، މަސައްކަތް ކުރާ މާހައުލުގައި ތިމާއަކީ މިހާރަށްވުރެ އިތުރަށް އިލްމު އުނގެނި ހުރިމީހެއްކަން އެހެންމީހުން ލައްވާ ބުނުވަން މަސައްކަތްކުރުމަށެވެ. އަދި ހަމައެއާއެކު މުޖްތަމަޢަށް ނުކުމެ މަސައްކަތްކުރާއިރު އަބަދުވެސް މަސައްކަތްކުރަންވާނީ ތިމާގެ ސަބަބުން މުޖްތަމައަށް ހެޔޮ ބަދަލެއް ގެނެވޭތޯކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަންވަނީ ރޭގެ ދަސްވެނިންނަށް ނަސޭހަތްތެރިވެލައްވާފައެވެ.

މިއަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން މަތީ ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް މި ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި މެޕްސް ކޮލެޖަށް ތަފާތު ގޮތްގޮތުން ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިންނަށްވެސް އެވޯޑްދެއްވުން އޮތެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. 2024 ވަނަ އަހަރު ރިހިޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަ މެޕްސް ކޮލެޖުން ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއެކު، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތައް ތަޢާރަފުކޮށް ކިޔަވައިދިނުމުގެ މަގުވަނީ ފަހިކޮށްދީފައެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު ގިނަ ކޯސްތައް އޮންލައިންކޮށް ކިޔަވާދޭ ކޮލެޖެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.