English Edition
Dhivehi Edition

ހެލްތު އިންޝޫރަންސް ކަވަރޭޖަކީ ވަކި މީހަކު، ވަކި މަޤާމެއްގައި ހުންނާތީ އެ މަޤާމުގެ ބޮޑުކުޑަމިނުން ލިބެންޖެހޭ އެއްޗެއްކަމަށް ޤަބޫލު ނުކުރައްވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) ގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު ރިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ލިބޭ ހެލްތު އިންޝުއަރެންސް ކުރުމާ ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމުގައި އޭނާ ވިދާޅުވީ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށެވެ.

ޢާއްމު ރައްޔިތުންގެ އެތައް ބަޔަކު ބޮޑެތި ބަލިތަކުގައި ތަކުލީފު އުފުލަމުން ދާއިރު، އެމީހުންނަށް ފަރުވާކުރަން އެކަށީގެންވާ އިންޝުއަރެންސް ކަވަރޭޖް ނުލިބި، މިފަދަ މުއައްސަސާތަކުގައި އިސް މަޤާމުތަކުގައި ތިބޭ މީހުންނަށް ބޮޑެތި ޕެކޭޖް ދިނުމަށް ތާއީދު ނުކުރައްވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވަނީ އެމް.އެން.ޕީ އިން ރިޔާސީ ރޭހަށް ނިކުމެ ހުށަހަޅާ މެނިފެސްޓޯގައި ވެސް މި މައްސަލައިގެ ޙައްލު ގެނެސްދޭނެ ކަމަށް ހާމަކޮށްފައެވެ. އަދި އެމް.އެން.ޕީ. ގެ ސިޔާސަތަކީ މީހާގެ ބަލި ޙާލަތަށް ބަލައިގެން އިންޝުއަރެންސް ކަވަރޭޖް ކަނޑައެޅުން ކަމުގައެވެ.

އެމް.އެން.ޕީ. ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެފައިވަނީ އެމް.އެން.ޕީ. ގެ ވެރިކަމެއްގައި ހެލްތު އިންޝުއަރެންސް ކާޑެއް ތަޢާރަފްކުރައްވާނެ ކަމަށާއި، އިންޝުއަރެންސް ގެ ބޮޑުކުޑަމިން ކަނޑައެޅިގެން ދާނީ ބަލިހާލަތަށް ބެލުމަށްފަހު ކަމަށެވެ.