English Edition
Dhivehi Edition

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް، ‘ އާޔާ ‘ މިއަދު ތައާރަފްކޮށްފިއެވެ.

‘އާޔާ’ އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ‘އާޔާ’ އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމަރ ސަރވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފަރ ކޮށްލެވޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެފަރާތެއް ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް ‘އާޔާ’ ފަރުމާކޮށްފައިވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިންގ (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި ކަމަށެވެ.

“އެހެންކަމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ.” އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ކުރިއަރާފައިވާ މާލީ ހިދުމަތް ފޯރުކޮށްދޭ އިދާރާގެ ގޮތުގައި ބޭންކު ވީހިނދު، ހިދުމަތްދޭ އެހެން ފަރާތްތަކާ ތަފާތުކޮށް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމާއި، ސެލްފް ސަރވިސް ބޭންކިންގ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުން ކޮންމެ ދުވަހަކު ބޭނުންކުރާ ބޭންކިންގ ހިދުމަތްތައް އޮންލައިންކޮށް މެނޭޖް ކުރެވޭނެ ގޮތް ގާއިމްކޮށް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

ވަގުތުން ބޭންކް އެކައުންޓް ހުޅުވުން، އޮންލައިންކޮށް ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުން، ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖްކުރުން، ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމާއި ޓީޓީގެ ހިދުމަތް ފަދަ ގިނަގުނަ ޑިޖިޓަލް ހިދުމަތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް މިއަދު ދަނީ ފޯރުކޮށްދެމުންނެވެ.

ބޭންކުގެ ކޮންޓެކްޓް ސެންޓަރ ގެ ހިދުމަތް އިތުރަށް ފުޅާކުރުމުގެ ސަބަބުން، މިހާރު ކަސްޓަމަރުންނަށް ކޯލް މެނޫ މެދުވެރިކޮށް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން އެސްއެމްއެސް ލިބޭނެ ގޮތް ހަމަޖެހި ކިއުގައި މަޑުކުރަން ބޭނުންނުވާނަމަ ކަސްޓަމަރަށް ގުޅުމަށް އެދި އަދި ކުއްލި ހާލަތްތަކުގައި އަވަސްކޮށް ގުޅުމަށް އެދި ހުށަހެޅޭނެއެވެ.

ކާރލް އިތުރަށް ވިދާޅުވީ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެ ބޭންކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި އެ ބޭނންކުން އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން ކަމަށެވެ.

އެގޮތުން، 2022 ވަނަ އަހަރު ހިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ގާތްގަނޑަކަށް %40 ވަނީ ރަނގަޅުވެފައި ކަމަށާއި ބީއެމްއެލްގެ ހިދުމަތް ހޯދުމަށް ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ވެސް ވަނީ ދެބައިކުޅައެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް، އަދިވެސް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށާއި އިޖާދީ ހައްލު ހޯދުމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނުވުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.