English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ސްޕޮންސަރަކަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ދަރުލް އީމާން ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު، ކޮމާޝަލް އިބްރާހިމް ހަމްދާން މުޙައްމަދުއެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ.

އެމްއެމްސީގެ ރައީސް އަޙްމަދު މުޞްޠަފާ ވިދާޅުވީ، މޯލްޑިވިއަންއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ތިންވަނަ ކުންފުނި ކަމަށެވެ. އެކަމަށްޓަކައި މޯލްޑިވިއަންގެ އިސްވެރިންނަށް އެމްއެމްސީގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން މީޑިއާގެ ކުރިއެރުމަށް މޯލްޑިވިއަން އިން ވެދެމުން އަންނަ އެހީތެރިކަން ފާހަގަކުރެއްވިއެވެ. އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިހާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ، އެ ދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި އެ ޕްރޮގްރާމް މިހާތަނަށް ހަ ސްކޫލެއްގައި ހިންގައި، 140 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މި ޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ، ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.