ހދ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިންތިޒާމް ކޮއްގެން، ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އާއި ޔުނީކް ޑިޒައިން ބައި ދިހޫ ގުޅިގެން ކުރިއަށް ގެންދިޔަ ޓެއިލަރ އިން ޑިޒައިނިންގ ބޭސިކް އެންޑް އެޑްވާންސް ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެމަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ކޯހުގައި 71 ފަރާތަކުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ.
މި ކޯހުގައި ފެސިލިޓޭޓަރ އެއްގެ ގޮތުގައި މަސައްކަތް ކޮއްދެއްވީ ޔުނީކް ޑިޒައިން ބައި ދިހޫގެ އޯނަރ ދިހުޝާނާއެވެ. ދިހުޝާނާ އަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާތަނަށް ވެސް ގިނަ ބަޔަކު މި ދާއިރާއިން ތަމްރީނު ކުރަމުން އަންނަ ތަޖްރިބާކާރު ފަރާތެކެވެ. އަދި ދިހުޝާނާ އަކީ ސްކީމްގެ ކޯފައުންޑަރ މެމްބަރެއްވެސް މެއެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ކޯސް ފުރިހަމަ ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ ކޯހުގައި ބައިވެރިވި އިރު އެއްވެސް ވަރަކަށް ފެހުމުގެ ހުނަރު ނޭނގޭ ކަމަށާއި އެހެންނަމަވެސް ކޯސް ފުރިހަމަކޮށް ނިމުނު އިރު އަމިއްލަ އަށް މިންނަގައިގެން ގަޔަށް ހެޔޮވަރަށް ހެދުން ފަހަން އެނގޭ ކަމަށާއި ދަސްވި އާ ހުނަރާއި މެދު ވަރަށް ވެސް އުފާވާކަމަށެވެ.
ފަހަން ދަސްކޮށްދިނުމުގެ އިތުރުން ސްކީމް އިން ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައެވެ. އަދި ކޯސް ފުރިހަމަ ކޮށް ނިމުމަށްފަހު ވެސް ދާއިރާއިން ކުރިއަށް ގޮސް ވިޔަފާރިއެއް ފެށުމަށް ބޭނުންވާނަމަ އެފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައެވެ.
ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިވެރި ކޮށްދެއްވެވީ ސްކީމްގެ ރައީސާ ޝިމްލާ އަޙްމަދެވެ.
ސްކީމް އިން ވަނީ މިދިޔަ ހަފްތާގައި ނޮޅިވަރަމް ގައި ޕަބްލިކް ސްޕީކިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިއީ ޔޫތް މިނިސްޓްރީ އާއި ސްކީމް ގުޅިގެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ކޮމިޔުނިޓީ ޕްރޮގްރާމެއް ކަމަށްވާ “ވެށި-ބާރު” ގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޕަބްލިކް ސްޕީކިން ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވީ ސްކީމްގެ ކޯފައުންޑަރ އަދި ނައިބްރައީސާ އާމިނަތު އަލީއެވެ.