English Edition
Dhivehi Edition
ގއ. ވިލިނގިލީގައި ނައްތާލި ބަނގުރާފުޅިތަކެއް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެގޮތުން ނައްތާލާފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް 01 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ގއ.ކޫއްޑޫ ޑޮމެސްޓިކް އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފުން، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނާއި ޙަވާލުކޮށްފައިހުރި އެކި ބްރޭންޑްތަކުގެ 115ފުޅި ބަނގުރަލާއި 32 ދަޅު ބިއަރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިތަކެތި ނައްތާލާފައި ވަނީ ހޯމަ ދުވަހު ގެ މެންދުރުފަހު 2.15ގައި ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތި ތެރޭގައެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ.