English Edition
Dhivehi Edition

އަލަށް އުފައްދާ ސިޔާސީ ޕާޓީއެއްކަމަށްވާ “ދަ ޑިމޮކްރޭޓްސް ” އިން އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެމްޑީޕީގެ މައި ހަރުގެ ހުރި ތަނުގައި އެޕާޓީގެ ހަރުގެ ހުޅުވުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޓީއޯގެ ކުރީގެ އެމްޑީ ޙުސެއިން ޢަމްރު އިސްވެ ހުންނަވައި، ބިމުގެ ވެރިފަރާތުގެ ހާޒިރުގައި އެމްޑީޕީގެ ކުރީގެ ހަރުގެ ޑިމޮކްރެޓުންގެ ބާރުގެ ދަށަށް ގެނެސް އެތަނުގެ ކުލަ ބަދަލު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އެތަނުގައި ހުރި އެމްޑީޕީގެ ޕޯސްޓަރުތައް ނަގާ ތަން ހުސްކުރުމަށްފަހު އެތަނުގައި ވަނީ ފޯމް ފުރުމުގެ މަސައްކަތް ވެސް ފަށާފަ އެވެ.

ކުރީގެ އެމްޑީޕީ ހަރުގެއަކީ މިހާރު “ދަ ޑިމޮކްރޭޓްސް”ގެ ސިޔާސީ ހަރަކާތްތައް ހިންގާ މައި މަރުކަޒެވެ.

https://twitter.com/HKurusee/status/1663161960408514565

ޑިމޮކްރެޓްސްގެ ހަރުގެ އެ ތަނުގައި ހުޅުވީ، އެ ތަނުގެ ވެރިފަރާތުން އެ ތަން ހުސްކުރަން އެމްޑީޕީއަށް އެންގުމުން އެ ޕާޓީން އެ މައްސަލާގައި ސިވިލް ކޯޓަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ. އެމްޑީޕީ ހަރުގެ ހިންގަމުން އައި އެ ބިމުގެ ވެރިފަރަތަކީ އެމްޑީޕީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މިދިޔަ މާޗް މަހު ގެ ތެރޭގައެވެ.

ޑިމޮކްރެޓްކްސް އިން މިއަދު ހަރުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަފިއްޔާވެސް ވަނީ ބައިވެރިވެފައެވެ. އެރަސްމިއްޔާތުގައި ޝަފިއްޔާ ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ.

އެ އިމާރާތް ޑިމޮކްރެޓުންގެ ފަރާތުން ނަގާފައި ވަނީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަން ދަ ޑިމޮކްރޭޓްސް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.