English Edition
Dhivehi Edition
ގދ،ނަޑެއްލާ-ފޮޓޯ: ގދ. ނަޑެއްލާ ކައުންސިލް

ގދ، ނަޑެއްލާ ސްކޫލުގެ ދަރިވަރުންނަށާއި ރަށުގެ ޢާންމު ފަރާތްތަކަށް އަމާޒުކޮށްގެން މަދަޙަ މުބާރާތެއް ބޭއްވުމަށް ނިންމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ނަޑެއްލާ ކައުންސިލާއި،ނަޑެއްލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ނަޑެއްލާ ސްކޫލް އަދި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ދާނީ 20 އޯގަސްޓް 2023 އާއި 30 އޯގަސްޓް 2023 އާއި ދެމެދުގެ ދުވަސްތަކުގައި ނަޑެއްލާ ސުކޫލުގައެވެ.

ނަޑެއްލާ ކައުންސިލުން ބުނީ މި މުބާރާތުގައި ވާދަކުރާ ސްކޫލް ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް ހޮވޭ ދަރިވަރަކަށް 5,000.00 (ފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް، 2 ވަނަ އަށް ހޮވޭ ދަރިވަރަކަށް 3,000.00 (ތިން ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް އަދި 3 ވަނަ އަށް ހޮވޭ ދަރިވަރަކަށް 2,000.00 (ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވާ ޢާންމު ފަރާތްތަކުގެ ތެރެއިން މުޅި މުބާރާތުން 1 ވަނަ އަށް 3,000.00 (ތިން ހާސް) ރުފިޔާ، 2 ވަނަ އަށް 2,000.00 (ދެ ހާސް) އަދި 3 ވަނަ އަށް 1,000.00 (އެއް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަކުރެއްވުމަށްފަހު 18 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ސުކޫލުގެ ދަރިވަރުން ސުކޫލަށް ފޯމް ހުށަހެޅުއްވުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި ޢާންމު ފަރާތްތަކުގެ ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://tinyurl.com/5n8y3udp މި ލިންކްގައިވާ ގޫގަލް ފޯމް ފުރުއްވުމަށް ފަހު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ ފޯމްތަށް ބަލައިނުގަނެވޭނެ ކަމަށެވެ.