English Edition
Dhivehi Edition

ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ވޮލީބޯޅަ މުބާރާތް, “އެސްޓީއޯ ނަޑެއްލާ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2022” މިމަހު 11 ގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ ނަޑެއްލާ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް, ކުޅިވަރުގެ މައިދާނުގައި ވާދަވެރިކަން އުފައްދާ, ނަޑެއްލާގައި ވޮލީ ކުޅުންތެރީން އުފެއްދުމުގެ މަޤްޞަދުގައި ގދ. ނަޑެއްލާ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށްދާނީ ފިރިހެން އަދި އަންހެން, ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. ގދ. ނަޑެއްލާ ވޮލީކޯޓްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް އިންތިޒާމްކޮށް ހިންގާނީ ގދ. ނަޑެއްލާ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދާ އެއްގޮތަށެވެ.

05 ސެޓަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ޑިވިޝަނަކުން 03 ޓީމު ބައިވެރިވެފައިވުމާއެކު ލީގް އުސޫލުން މެޗުތައް ކުޅުމަށްފަހު އެންމެ މޮޅު ދެ ޓީމެއް ފައިނަލަށް ދާނެއެވެ. މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެންޕިއަން ޓީމަކަށް 10,000 ރުފިޔާގެ އަދި ރަނަރަޕް ޓީމަކަށް 5,000 ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގދ. އަތޮޅު ކައުންސިލް މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިފައިވާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި އެސޯސިއޭޓް ޕާޓްނަރަކީ ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް)އެވެ. އަދި ޓްރެވެލް ޕާޓްނަރަކަށް ޝޭޑީ އެކްސްޕްރެސް ހަމަޖެހިފައިވާއިރު ބްރޭންޑިންގ ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ރާޅު އާޓްސް އެންޑް ޑިޒައިންއެވެ.