English Edition
Dhivehi Edition
ރައީސް ސޯލިހް މަގޫދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، މިވަގުތަށް ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް އާއި ހިއްސާކުރައްވާފައެވެ. މިގޮތުން މަގުތައް ހެދުމާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން މިވަގުތަށް އިސްކަންދިނުމަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

މި ގޮތުން ރައީސް ވިދާޅުވީ މަގޫދޫގެ ރައްޔިތުންނާއި އެކު ބޭއްވި މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ކަންކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކާއި އެކުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ މަގޫދޫއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާ އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.