ހެޔޮ މަގުގައި ދަތުރުކޮށް، ބާއްޖަވެރިކަމުގެ މަގު އިޚްތިޔާރު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ޚުތުބާގައި ބުނީ މީސްތަކުންނަށް ރަހުމްނުކުރާ މީހާއަށް މާތްﷲ ރަހުމް ނުކުރައްވާނެ ކަމަށް ކީރިތި ރަސޫލާގެ ހަދީޘް ފުޅުތަކުން ވެސް ހާމަވާ ކަމަށާއި އެހެންކަމުން ތިމާ އަކީ އެހެން މީހުންނަށް ރަހުމް ކުރާ މީހަކަށް ވާންވާނެ ކަމަށެވެ.
އޭރުން ﷲގެ ރަހުމަތް އެމީހަކަށް ލައްވާނެ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފްސަށް ރަހުމްކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އުރެދުންތަކަށް އަރައިގަތުމުން ދުރުހެލި ވުމާއި، އެހެން މީހުންގެ އަބުރާއި އިއްޒަތަށް އަރަގަތުމުން ދުރުހެލިވުމަށް ވެސް ވަނީ ޚުތުބާގައި އެދިފައެވެ.
މީގެ އިތުރުން ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންނަމަ ޤުރުއާން ކިޔެވުމަށް ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ ހަޔާތް، މާތް ރަސްކަލާނގެ މަގަށް މިސްރާބުކޮށްދޭ ސަމުގާއަކީ ޤުރްއާން ކަމަށެވެ. އެއީ މުނިފޫހިފިލުވައިދޭ މިތުރެއް ކަމަށާއި އެއީ ކަންބޮޑުވުން ދުރަށްލައިދޭ އެކުވެރިއެއް ކަމަށް ވެސް ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ތިބާގެ ވެރިރަސްކަލާނގެ ދެނެގަތުމަށް ބޭނުންވާނަމަ އަދި އީމާންކަން ހަރުދަނާ ކުރަން ބޭނުންވާނަމަ ވެސް ޤުރުއާން ކިޔަވަންޖެހޭ ކަމަށާއި ސުވަރުގޭގެ މަގުން ދަތުރުކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވަންޖެހޭ ކަމަށެވެ. އަދި ކަންބޮޑުވުންތަކާއި ހާސްކަން އެއްފަރާތް ކުރަން ބޭނުންވާނަމަ އަދި ނަފްސަށާއި ރޫހަށް ފަރުވާ ކުރަން ބޭނުންވާ ނަމަ ވެސް ޤުރުއާން ކިޔެވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
ޚުތުބާގައި ބުނީ އެމީހުންނަށް ދުނިޔޭގައި އަރާމާއި ލައްޒަތު ދެއްވާ ކަމަށާއި، ދަރީންނާއި ތަނަވަސްކަމާއި ދުޅަހެޔޮކަން ދެއްވާ ކަމަށެވެ. އަދި ބިރުތަކުން ސަލާމަތް ކުރައްވާ އަމާންކަން ދެއްވާ ކަމަށާއި، އެމީހުން މާތް ރަސްކަލާންގެއަށް ކާފިރުވެ ޝަރީކު ކުރާ އިރުގައި ވެސް އެމީހުންނަށް ވަގުތުން އަޒާބު ނުދެއްވާ އެމީހުންނަށް މުހުލަތު ދެއްވާ ކަމަށެވެ.
އެއީ މާތް ރަސްކަލާންގެ ރަހްމަތްވަންތަ ކަމުގެ ބޮޑުކަމުންކަން ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.