English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއިދުކުރާ މެންބަރުން އިސްވެ އުފެއްދި ‘ދަ ޑިމޮކްރެޓްސް’ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ޕާޓީއަށް ހުއްދަދިންކަން ހާމަކުރުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން ތިންހާސް މީހުންގެ ފޯމު ހަމަކުރަންޖެހޭނެ ކަމަށެވެ.

މީގެއިތުރުން ހަބީބް ވިދާޅުވީ ފޯމުތަކަކީ ސައްހަ ފޯމުތަކެއްތޯ ކަށަވަރުކުރުމުގެ ގޮތުން ފުރަތަމަ 100 މީހުންނަށް ގުޅާ މައުލޫމާތު ޔަގީންކުރާނެކަމަށެވެ. އަދި އެއަށް ފަހު 90 އިންސައްތަ މީހުން ފޯމު ފުރިހަމަ ކުރި ކަމަށް ބުނާނަމަ އެ ހިސާބުން ފޯމުތައް ކޮމިޝަނުން ބަލައިގަންނާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރައްވާނެކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފައެވެ. އިތުރަށް ހަސަން ލަތީފު ވިދާޅުވީ ކޯލިޝަން ހަދަން ޖެހިއްޖެނަމަ އެކަމުގެ މަޝްވަރާތައްވެސް ސިޔާސީ ފަރާތްތަކާއެކު ކުރާނެ ކަމަށެވެ.