English Edition
Dhivehi Edition

ބީއެމްއެލް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ދުވާލަކު 230،000 އަށް ވުރެ ގިނަ މުއާމަލާތް ކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން 2015 ވަނަ އަހަރު ޒަމާނީ މޯބައިލް އެޕްލިކޭޝަން އަކާއެކު އާންމު ފަރުދުންނަށް އިންޓަރނެޓް ބޭންކިންގ ތައާރަފް ކުރުން ވެގެންދިޔައީ ދިވެހިރާއްޖޭގައި ބޭންކިންގ ހިދުމަތް ބޭނުންކުރާ ގޮތަށް ބަދަލުގެނުވިކަމަކަށެވެ.

ބޭންކިންގ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް، ފަސޭހަކަމާއި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ވަސީލަތަކަށް ހެދުމަށް ބީއެމްއެލް އިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން މިއަދު، ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ ހިދުމަތަކީ ގިނަ ބަދަލުތަކެއް ގެނެވި ދިވެހިންގެ ދިރިއުޅުމާއި ގުޅި ލާމެހިފައިވާ އެއާއި ނުލައި ދިރިއުޅުން ފަސޭހަ ނުވާނެ ހިދުމަތެކެވެ.

ބޭންކިންގ ހިދުމަތް ފުޅާކުރުމަށް މެދުކެނޑުމެއްނެތި ބީއެމްއެލް އިން ކުރަމުންދާ މަސައްކަތާއި ފަސޭހައިން ހިދުމަތް ލިބޭނެ މަގުފަހިވެފައި އޮތްކަމީ 2022 ވަނަ އަހަރު 25،000 އަށް ވުރެ ގިނަ ކަސްޓަމަރުން އަލަށް ބީއެމްއެލްއާ ގުޅުނު މުހިންމު އެއް ސަބަބުވެސްމެއެވެ.

އިންޓަރނެޓް ބޭންކިންގ ހިދުމަތް ބޭނުންކުރާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުތެރޭ އެވްރެޖްކޮށް ދުވާލަކު އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް 232،000 އަށް ވުރެ ގިނަ މުއާމަލާތްކޮށްފައެވެ. ދުވާލެއްގެ މައްޗަށް 2 މިލައަނަށް ވުރެ ގިނަ މޯބައިލް ބޭންކިންގ ލޮގިން ރިކޯޑް ކުރެވިފައިވާއިރު، ފާއިތުވި އަހަރު އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ވަނީ 85 މިލިއަނަށް ވުރެ ގިނަ މުއާމަލާތްކޮށްފައެވެ.

އޮންލައިން ބޭންކިންގ މަގުބޫލުވެފައިވީ ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު މިއަދު ބޭންކުގެ ހިދުމަތްތައް ފުޅާވެ، އޭޓީއެމްގެ ހިދުމަތަކީވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަސްޓަމަރުން ބަރޯސާވާ މުހިންމު ހިދުމަތެކެވެ. މިދިޔަ އހަރު ނިމުނުއިރު ރާއްޖޭގައި ގާއިމްކޮށްފައިވަނީ 182 އޭޓީއެމްއެވެ. މީގެ ތެރެއިން 141 އޭޓީއެމްއަކީ ބީއެމްއެލް އިން ގާއިމްކޮށްފައިވާ އޭޓީއެމްއެވެ. ފާއިތުވި އަހަރު ބީއެމްއެލްގެ ކަސްޓަމަރުން ވަނީ 14 މިލިއަނަށް ވުރެ ގިނަ މުއާމަލާތް އޭޓީއެމް މެދުވެރިކޮން ކޮށްފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 39،000 މުއާމަލާތެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.