ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ބީއެމްއެލް އިސްލާމިކް އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ، އެމެރިކަން އެކްސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުން ކުރެވޭ ބީއެމްއެލް އިސްލާމިކް، އާ ކްރެޑިޓް ކާޑު ތައާރަފް ކޮށްފައި ވަނީ ބުކިން.ކޮމް އަދި ޑައިނިން އެކްސްޕީރިއަންސް ފަދަ އޮފާތައް ހިމަނައިގެންކަމަށެވެ. އަދި މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ގިނަ ފައިދާތަކެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށް ފަރުމާކޮށްގެން ތައާރަފުކޮށްފައިވާ ކާޑެއްކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީ ޕޭ މެދުވެރިކޮށް ނަގާ މުދަލަށް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
އިތުރަށް އެ ބޭންކުން ބުނީ ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކީ، ކަސްޓަމަރަކަށް ހިދުމަތް ފޯރިކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް ފަރުމާކޮށްފައިވާ އިސްލާމިކް ބޭންކިންގައި ފާހަގަ ކޮށްލެވޭ އުޖްރާ އުސޫލުން ތައާރަފް ކުރި ކާޑެއް ކަމަށެވެ. އަދި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީކޮށް، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މީގެ އިތުރުން މި ކާޑުން ފްލައިޓް ޓިކެޓު، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖޭ އާއި ރާއްޖޭއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށް ވެސް ރިވޯޑް ޕޮއިންޓްސް ބޭނުން ކުރެވޭނެއެވެ.
މި ކާޑު ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގްލޯބަލް ނެޓްވޯކް ސާވިސަސް، އޭޝިއާ އެންޑް ސައުތް ފެސިފިކް ގްރޯތް މާކެޓްސް، އެމެރިކަން އެކްސްޕްރެސްގެ ވައިސް ޕްރެސިޑެންޓް ޑިވްޔާ ޖައިން ވިދާޅުވީ، ރާއްޖޭގެ މާކެޓަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މި ކާޑަކީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑު މެންބަރުންނަށް އަގުހުރި އަދި ދުނިޔޭގެ އެކި ތަންތަނުން ލިބޭ ފައިދާތައް ހޯދައިދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ކަސްޓަމަރުންގެ ޑިމާންޑާ އެއްގޮތަށް ބީއެމްއެލް އިސްލާމިކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިންނާއި ރާއްޖޭގައި އިސްލާމިކް ފައިނޭންސް ފުޅާކޮށް ތަރައްގީ ކުރުމަށް އެހީވުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުން ކްރެޑިޓް ކާޑު ތައާރަފް ކުރެވޭ ކަމީ ލިބޭ އުފަލެއް ކަމަށެވެ.