މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އާ އެކު ސީނިއަރ އަދި ޖޫނިއަރ ޓީމުތައް ހިމެނޭހެން ގައުމީ ސަރފިންގ ޓީމުތަކުގެ އޮފިޝަލް ސްޕޮންސަރަށްވުމަށް ވެފައިވާ އެއްބަސްވުން ބޭންކް އޮފް މޯލްޑިވްސްއިން އިތުރުކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ މި ޕާޓްނަރޝިޕްގެ ދަށުން، މި ކުޅިވަރުގައި ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވަމުންދާ ނޭޝަނަލް ޖޫނިއަރ ސަރފިންގ ޗެންޕިއަންޝިޕަށްވެސް ބީއެމްއެލްގެ އެހީތެރިކަން ލިބޭނެކަމަށެވެ.
މީގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ސަރފިން އަކީ ރާއްޖޭގައި މަގުބޫލުކަން ހޯދަމުންދާ އަދި ކުރިއަރަމުންދާ ކުޅިވަރެއްކަމަށެވެ. އަދި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުންވެސް މި ކުޅިވަރަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަން ފާހަގަކުރައްވަމުން ކާރލް ވިދާޅުވީ ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ކާމިޔާބު ހޯދުމުގެ ހުނަރު ސަރފިންގެ އެތުލީޓުންގެ ފަރާތުން ފެނަންނަކަމަށެވެ. އަދި މީގެ ކުރިންވެސް އެތުލީޓުން ވަނީ އެކަން ހާމަކޮށްދީފައިކަމަށް ކާރލް ވިދާޅުވިއެވެ.
އެމްއެސްއޭގެ ރައީސް، މުހައްމަދު ސަބާހު ވިދާޅުވީ ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މި ޕާރޓްނާޝިޕް ދެމެހެއްޓޭކަމީ ލިބޭ އުފަލެއް ކަމަށެވެ. “އަޅުގަނޑުމެންގެ ގައުމީ ޓީމުތަކަށް ދެއްވާ އެހީއާއި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި އަޅުގަނޑުމެންގެ ޒުވާން އެތުލީޓުން ކުރިއަރުވަން ބޭންކުން ކުރާ މަސައްކަތް ނުހަނު އުފަލާއެކު ފާހަނގަކުރަން.” މުހައްމަދު ސަބާހު ވިދާޅުވިއެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ޕާރޓްނާޝިޕްތަކުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.
މީގެ އިތުރުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެތުލީޓުން ކުރިއެރުވުމަށް ސްޕޯޓްސް ސްކޮލަރޝިޕްވެސް ދީފައެވެ.