English Edition
Dhivehi Edition

ނ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށްޓައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ޚިދުމަތް ފަށާފައިވަނީ ނ. މާފަރު އަދި މިލަދޫގައެވެ.

މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ޚިދުމަތާއެކު މިވަގުތު ނ. އަތޮޅު ކެނދިކުޅުދޫގައި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުންދާއިރު މަނަދޫ، ވެލިދޫ އަދި ހޮޅުދޫގައި ދަނީ ބްރާންޗްެ މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިކަމާއި ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރުވެސް ކުރަމުންދާ އިންވެސްޓްމަންޓް މެދުކެނޑުމެއްނެތި ކުރިޔަށްގެންދިޔުން ކަމަށެވެ.

“އަޅުގަނޑުމެންގެ ވިއުގަ ފުޅާކުރުމަށް ކުރާ މަސައްކަތާއެކު މި ރަށްތަކުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި، އިގްތިޞާދަށް އެހީތެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް.” އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.