ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑުތެރެއަށް އުކާ އަލިފާން އަނގުރުތަކެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ޝައިތާނާ މަސައްކަތްކުރަނީ އިންސާނާ ލައްވައި ރުޅިއަރުވައިގެން ކުށް ފާފަތަކަށް އެރުވުމަށް ކަމަށެވެ.
ރުޅިމަތަކުރުމަކީ މުހިންމު ކަމަށް ނުވާނަމަ އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީސްކަން ހާމަކުރައްވައި ޚުތުބާގައި ބުނީ ރުޅި މަތަކުރުމާއި އިހުސާންތެރިވުމަކީ މާތް ﷲ އާއި އެކަލާނގެ ނަބިއްޔާ ލޯބިވެވޮޑިގެންވާ އަމަލެއްކަން ބަޔާންކޮށްދީފައެވެ. އެގޮތުން ރުޅި މަޑުކުރުމުގައި މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ ލޮބުވެތި އަސްހާބުން ދެއްކެވި ރީތި ނަމޫނާ އެބޭކަލުންގެ ސިޔަރަތުގެ މައްޗަށް ވެސް ޚުތުބާގައި ވަނީ އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން އިސްލާމީ އުއްމަތުގެ މާޒީއަކީ ރުޅި އިސްނުކުރާ ހިލްމުވެރި އުއްމަތެއް ކަމަށާއި އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައިވަނީ އުއްމަތް ބިނާކޮށް އާރާސްތު ކުރުމަށް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އިންސާނުންނަކީ އެބައިމީހުންގެ ފިތުރަތުގައި ރުޅި އައުމުގެ ސިފަ ލައްވާފައިވާ ބައެއްކަމުން އެބައިމީހުންގެ ގާތައް ރުޅިވެސް އަންނާނެކަމަށާއި އެހެންނަމަވެސް މުސްލިމުން ރުޅިއަންނާނީ ﷲ އަށް ޓަކައި ހައްގަށްޓަކައިކަމުގައި ޚުތުބާގައި ބުންޏެވެ.
ދުނިޔެއަކީ އެއަށްޓަކައި އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށާއި އެކުވެރިކަމާއި އަވަށްޓެރިކަމުގައި ރުޅި އިސްނުކުރުމަށް ވެސް އެންމެހާ މުސްލިމުންނަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މާތްﷲގެ ހަޟުރަތުގައި ދުނިޔެއަކީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެއްކަމުން ދުނިޔެއަކީ އެއަށްޓަކައި މުސްލިމުން އަރާރުންވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.