English Edition
Dhivehi Edition

އާދައިގެ ސްޓޫޑިއޯއެއްގައި އެއްއިރެއްގައި މަސައްކަތް ކުރި ކުޑަކުޑަ މިއުސަން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާމިޔާބު ރިސޯޓު ފޮޓޯގްރާފަރަކަށް ވެދާނެ ކަމަކަށް ގިނަބަޔަކު ގަބޫލެއް ނުކުރެއެވެ. ނަމަވެސް މިއުސަންގެ އަބަދުގެވެސް އުއްމީދަކީ އަދި ދެކޭ ހުވަފެނަކީ ވެސް އެއީއެވެ. ކޮންމެވެސް ދުވަހަކުން އޭނާއަކީ ރާއްޖޭގެ އެންމެ މޮޅު ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނޭނެ ނަން މަޝްހޫރު މީހެއްކަމުގައި ވުމަކީ މިއުސަން ކުޑައިރުއްސުރެން ދެކޭ ހުވަފެނެވެ. މިއަދު އޭނާ އެވަނީ މިހުވަފެން ހަގީގަތަކަށް ހެދުމުގެ މަގުމަތީގައެވެ. ނުވަތަ މަންޒިލް އޮތީ އަތްފޯރާފަށުގައި އޭނާއަށް ފެންނާށެވެ. ދެން އިތުރަށް ބޭނުންވަނީ ހަމަ ކުޑަކުޑަ ހިތްވަރެކެވެ. އެއީ އެފަދަ ނަސީބުވެރި ފުރުސަތެކެވެ.

ސ.މަރަދޫފޭދޫ ފުލްމޫން މިއުސަން މުޝްތާގު އޭނާގެ ސެކަންޑްރީ ތައުލީމު އިރުޝާދިއްޔާއިން ފުރިހަމަކުރުމަށްފަހު ފޭދޫގައި އޭރު ހިންގި ޔޫ ސްޓޫޑިއޯގެ އާދައިގެ ވަޒީފާއަކަށް ދިޔައެވެ. އެތަނުގައި ޕާސްޕޯޓް ފޮޓޯ ނެގުމާއި އަދިވެސް އެތަން ހިންގަމުން ގެންދިޔަ އޭރުގެ ޓީވީއެމްގެ އައްޑޫބިއުރޯގެ ޖާނަލިސްޓް ނަސްރުﷲ ހާދީ އަށް އަތްގާތްކޮށްލަދީ ކުދިކުދި ކަންތައްތައް ކުރުމަކީ މިއުސަންގެ ފުރަތަމަ ވަޒީފާއެވެ. އުމުރުން އެންމެ 18 އަހަރު ވީތަނާ ލިބުނު މި ވަޒީފާއަކީ މިއުސަން ގަބޫލުކުރާ ގޮތުގައި އޭނާ މިއަދު މިހިސާބަށް އާދެވުމުގެ އަސްލެވެ. ފޮޓޯގްރަފީގެ ރޮނގުން އެއްވެސް އެއްޗެއް ނޭގޭ އިރު ނަސްރުގެ އެހީތެރިކަމާއެކު މިދާއިރާގައި އޭނާ އެޅި ފުރަތަމަ ފިޔަވަޅުތައް ވީ އޭނާގެ މުޅި މުސްތަގުބަލް އޭގެ މައްޗަށް ބިނާކުރުމަށް އެޅިގެންދިޔަ ބިންގާ ކަމަށެވެ. މިއަދު އޭނާއަކީ ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކުގައި ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ބިޒީ ޝެޑިއުލްއެއްގެ ވެރި، ހީވާގި ޒުވާނެކެވެ.

“ކުޑައިރުއްސުރެ ފޮޓޯ ނެގުމަށް ޝައުގުހުރޭ. މިދާއިރާއިން ކުރިއަށް ދާން ބޭނުންވެފައި ހުއްޓާ ޔޫ ސްޓޫޑިއޯއިން ފުރަތަމަ ފުރުސަތު ލިބުނީ. އެއީ އާދައިގެ ވަޒީފާއެއް. ނަމަވެސް އެތަނުގައި މަސައްކަތް ކުރީ ކުރާހިތުން. ޑިއުޓީގަޑި ނިންމާލާފައިވެސް ވަރަށް ގިނައިރުވަންދެން ރޭގަނޑު ނުނިދާ ހޭލާއިންނަން އިންޓަނެޓުން ފޮޓޯގްރަފީގެ ވައްތަރުތައް ދަސްކުރުމަށް. ދެން ނަސްރުވެސް ވަރަށް ގިނަ އެއްޗެތި ބުނެދޭ. އެގޮތަށް އަމިއްލައަށް ހިތްވަރުކޮށްގެން މަސައްކަތް ކުރަމުން ދިޔައީ”

މިއުސަން އޭނާގެ ކެރިއަރު ފެށިގެން ދިޔަގޮތް ކިޔައިދިނެވެ.

ނަސްރުއާ އެކު މަަސައްކަތް ކުރި ދުވަސްކޮޅު އައްޑޫއޮންލައިން ނޫހުން ހިންގި ބޭސިކް ޖާނަލިޒަމް ކޯހެއްވެސް މިއުސަން ހެދިއެވެ. އަދި ބައެއް ނިއުސް އިވެންޓްތަކުގެ ކަވަރޭޖް ހެދުމުގައި ވެސް އޭނާ މަސައްކަތްކުރިއެވެ.

“ދެން ނަސްރު މާލެ ބަދަލުވީ ސްޓޫޑިއޯ ހުއްޓާލާފައި. އެހާ ހިސާބުން ޖޮބްލެސްވީ. ދެން ބެލީ ރިސޯޓަކުން ފޮޓޯގްރަފީގެ ވަޒީފާއެއް ލިބޭތޯ. ވަރަށް ގިނަ މަސައްކަތް ކުރިން އެކަމަކު ކާމިޔާބެއް ނުވި. އެންމެފަހުން ކޮންމެ ކަހަލަ ވަޒީފާއެއް ލިބުނު ނަމަވެސް ހެޔޮކަމަށް ރިސޯޓުލައިފާ ޖޮއިން ކުރަން. ނަސީބު ހުރިއްޔާ ބޭނުންވާ ދާއިރާއިން ފުރުސަތު ލިބިދާނެކަމަށް އުއްމީދުކުރީ” ޔޫސްޓޫޑިއޯގެ ވަޒީފާއަށް ފަހު ރިސޯޓަކަށް ދިޔައިރު މިއުސަން ހުރީ ފޮޓޯގްރަފީގެ ތެރެއަށް ރަނގަޅަށް ވަދެވި އެދާއިރާއަށް ލޯބިޖެހި ނިމިފައެވެ.

މިއުސަންއަށް އެންމެ ފުރަތަމަ ވަޒީފާ ލިބިގެން ދިޔައީ ލަކްސް އިންނެވެ. އެތަނުގެ ސްޓިވާޑިން ގައި މަސައްކަތް ކުރަންފެށިއިރު އަދި އުމުރުން ވަރަށް ހަގެވެ.

“ސްޓިވާޑިންގައި 2 ދުވަހު މަސައްކަތް ކުރީ. އެތަނުގައި 2 ދުވަހު ޑިއުޓީ ކުރެވުނުތަނާ މެނޭޖަރު ބުނީ ތިހާ ޔަންގު ކުއްޖަކު އެންމެ ރަނގަޅުވާނީ ވެއިޓަރަކަށް ނިކުތުމޭ. އެހާ ހިސާބުން ވެއިޓަރެއްގެ ގޮތުގައި ހަމަ ޖެހުނީ. ” ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައިރު ލިބުނު އާމްދަނީން ފުރަތަމަ 3 މަސް ތެރޭގައި ރަނގަޅުފެންވަރުގެ ކެމެރާއެއް މިއުސަން ގަތެވެ.

“އޭރު ލަކްސްގައި ހުރީ ރާއްޖޭން ބޭރުގެ ފޮޓޯގްރާފަރެއް. ވަރަށް ނައިސް މީހެއް އެއީ. ނޭގޭ އެއްޗެއް އަހާލާއިރަށް ވަރަށް ރަނގަޅަށް ބުނެދޭނެ. ދެން ޑިއުޓީ ނިންމާލާފައި ހުސްވަގުތުތަކުގައި އޭނާއާއެކު އުޅެނީ. އެގޮތަށް އުޅޭއިރު އޭނަ ބިޒީވާ ވަގުތުތަކުގައި ބައެއް ޝޫޓިން އަހަންނަށްވެސް ދޭނެ. ރިސޯޓު ފޮޓޯ ގްރަފީ ދަސްކޮށްދިނީ އެ ފޮޓޯގްރާފަރު. ގެސްޓުން ބޭނުންވާގޮތަށް ފޮޓޯނަގާނީ ކިހިނެއްކަމާ ފޮޓޯ އެއް ފޮޓޯއަކަށް ވަނީ ކިހިނެއް ނެގީމަކަން ދަސްވީ އޭނާގެ ފަރާތުން. ފުރަތަމަ ކޮޅު ވަރަށް އުދަގޫވި. ކުރީގައި ސްޓޫޑިއޯގައި ފޮޓޯ ނެގި ގޮތާއި ރިސޯޓް ފޮޓޯ ނަގާގޮތް ވަރަށް ތަފާތު. އެހާ ހިސާބުން އެނގުނީ ފޮޓޯގްރަފީގައި ވަރަށް ގިނަ ރޫލްސްތައް ހުންނަ ކަމާއި މޮޅު ފޮޓޯގްރާފަރަކަށް ވުމަށް އަދި ވަރަށް ގިނަކަންކަން ދަސްކުރަން ޖެހޭކަން” އެހާ ހިސާބުން ރިސޯޓުގައި އަދާކުރާ ބުރަ ވަޒީފާއަށް ފަހު ލިބޭ ހުސްވަގުތުތަކުގައި މިއުސަން ދިޔައީ އިންޓަނެޓްގެ އެހީގައި ފޮޓޯގްރަފީގެ އިލްމު ދަސްކުރަމުންނެވެ. އަމަލީ ތަޖުރިބާ ހޯދަނީ ރިސޯޓުގެ ފޮޓޯގްރާފަރ އާއެކު އޭނާގެ ޝޫޓިން ތަކުގައެވެ.

“އެގޮތަށް މަސައްކަތް ކުރަމުން ދަނިކޮށް ގާނޫނު ބަދަލުވެ ބިދޭސިންނަށް ރާއްޖޭގައި ފޮޓޯގްރަފީގެ މަަސައްކަތް ނުކުރެވޭގޮތްވުމުން އެ ފޮޓޯގްރާފަރުގެ ވަޒީފާ ގެއްލުނީ. ރިސޯޓުން އެވަޒީފާ ދެން ދިނީ އަހަންނަށް”

ލަކްސްގެ އައިލެންޑް ފޮޓޯގްރާފަރ އެއްގެ ޗާންސް ލިބި އެވަޒީފާގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން މިއުސަންގެ އުއްމީދު އާލާވިއެވެ. އޭނާ އަބަދު ދެކެމުން ދިޔަ ހުވަފެން ހަގީގަތަކަށް ވާން ފެށީއެވެ. އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ކަލަރޕްރޮފައިލްގެ އާމިރު އާއި މިއުސަން ދިމާވިއެވެ. އެތަނުން އާމިރު އާއި ދިމާވެ ކަލަރޕްރޮފައިލް އިންޓަނޭޝަނަލް ގައި މަސައްކަތް ކުރުމަށް މިއުސަން އަށް އާމިރު ފުރުސަތު ދިނެވެ. އާމިރުގެ އެހީއާއެކު ޖުމައިރާ ވިޓަވެލީގައި ޕްރޮފެޝަނަލް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއުސަން އަށް ފަހިވެގެން ދިޔައެވެ.

“ކަލަރޕްރޮފައިލްގެ ހުރިހާ ރިސޯޓެއްގައި މަަސައްކަތް ކުރަން ޖެހުނު. ޕްރޮފެޝަނަލް ފޮޓޯގްރާފަރުންނާއެކު އެއްލެވެލް އެއްގައި ޝޫޓްތައް ޖައްސަން ވެސް ޖެހޭ. ތަފާތު އެކި ރިސޯޓުތަކަށް ދަތުރުކޮށް އެކިކަހަލަ ލޮކޭޝަން ތަކުގައި ފޮޓޯ ނަގަން ޖެހޭ. އެއީ ވަރަށް ބިޒީ ޝެޑިއުލް އެއް. އެކަމަކު ހިތްވަރާއެކު ކުރިއަށް ދިއުމުގެ އަޒުމުގައި މަސައްކަތް ކޮށް ފޮޓޯނެގުމަށް ބޭނުންވާ ހުރިހާ ސާމާނުތަކެއް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގަނެ ހަމަކޮށްލީ” މިއުސަން ކިޔައިދިނެވެ.

ކަލަރޕްރޮފައިލް ގައި 1 އަހަރާއި 8 މަސްދުވަހު މަސައްކަތް ކުރުމަށްފަހު މާލޭގައި ފޮޓޯގްރަފީގެ މަސައްކަތް ކުރުމަށް މާލެ ބަދަލުވާން މިއުސަން ބޭނުންވިއެވެ. އަމިއްލަ މަސައްކަތެއް ފަށައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ބޭނުމުގައެވެ. ނަމަވެސް މިކަން ނާކާމިޔާބުވީ މާލޭގައި ހުންނާނެ ތަނެއް ހަމަނުޖެހުމުން ކަމަށް މިއުސަން ބުންޏެވެ.

“މާލެ ބަދަލުވާން ބޭނުންވެގެން ބެލީ ކުއްޔަށް ކުދިން ބައިތިއްބާ ގޭއެއްގައި ހުރެވޭތޯ. ތިން ހަތަރު ތަނެއް ބެލިން. ކާމިޔާބު ނުވީ އައްޑޫ ކުއްޖެއް ވީމާ. އެއްވެސް ތަނަކުން އައްޑޫކުއްޖަކު ބަހައްޓަން ބޭނުންނުވި. އެހާ ހިސާބުން އެޚިޔާލު ދޫކޮށް އަލުން ރިސޯޓަށް ޖޮއިން ކުރީ.

އޭނާ މިހާރު އަދާކުރަމުންދާ ވެލިގަނޑު ރިސޯޓުގައި މަސައްކަތް ކުރަން ފެށީ މާލޭގައި ހުރެވޭތޯ ބެލުމަށް ކުރި މަސައްކަތުގެ ހިތި ތަޖުރިބާއަށް ފަހުގައެވެ.

“ވަރަށް ގިނަ ގެސްޓުންގެ ގެ ފޮޓޯތައް މިހާރު ނެގިފައިވާނީ. ގިނަ ޝޫޓްތަކެއްގައި މަސައްކަތްކޮށްފިން. އެންމެ ހަނދާނުން ފޮހެލަން ދަތިވި ހާދިސާއަކީ ސައުދީ ޕްރިންސެއްގެ ފޮޓޯ ޝޫޓިން އަކަށް ދިޔަ ދުވަސް. ޝޫޓިން ނިންމާލިއިރުވެސް އެއީ ޕްރިންސެއް ކަމެއްވެސް ނޭނގޭ. ޝޫޓިން ނިންމާލާފައި ހަދިޔާއެެއްގެ ގޮތުން އައިފޯން 6 ޕްލަސް އަކާއި 500 ޑޮލާރސް ވެސް ދިން. އޭރު އައިފޯން 6 ޕްލަސް ނެރެގެން އުޅުނު ދުވަސްކޮޅު އެއީ. ފޮޓޯތައް ވަރަށް ރަނގަޅޭ ވަރަށް ހިތްހަމަޖެހެއޭ ބުނީ. އޭރުވެސް ޕްރިންސެއް ކަމެއް ނޭނގޭ. ގަބޫލު ނުވެެގެން އަހަރެން އެހެން ބުނުމުން ޕާސްޕޯޓް ދެއްކީ. އެހާ ހިސާބުން ދެން ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނު. އެއީ ވަރަށް ތަފާތު ތަޖުރިބާއެއް” މިދާއިރާގައި މިއުސަން އަށް އެންމެ ހަނދާން ނައްތާލަން ދަތި ދުވަހަކީ އެއީއެވެ.

އާއިލާއާއި ރަޙްމަތްތެރިންގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓާއެކު އޭނާ އެންމެ ބޭނުންވާ ދާއިރާގައި މަސައްކަތް ކުރަމުންދާއިރު މިއުސަން ބުނީ މިދާއިރާއިން ކުރިއަށް ދިއުމަށް ލިމިޓެއް ނެތް ކަމަށެވެ.

“ބޭނުންވަނީ ރާއްޖޭގެ ނަމްބަރ ވަން އަށް ވާން. ފުރުސަތު ހޯދަން މަސައްކަތް މިކުރަނީ. ނަސީބު އަތުގައި ހިފާނެ އިރެއް ނޭނގެނީ”

އުމުރުން އެންމެ 18 އަހަރުގައި ފޮޓޯގްރަފީގެ ދާއިރާއަށް ވަން މިއުސަންގެ އުމުރުން މިހާރު 22 އަހަރުވީއިރު މި ދާއިރާގައި ގިނަ ކުރިއެރުންތަކެއް އޭނާ ހޯދައިފިއެވެ. އެންމެ 4 އަހަރުގައި އޭނަކުރި ތަޖުރިބާތަކުން ލިބުނު ނަތީޖާ ފޮންޏެވެ. އަދިވެސް މިއުސަން ބޭނުމީ ކުރިއަށް ދިއުމަށެވެ. ފޮޓޯގްރަފީގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާއަށް ލިމިޓެއްނެތެވެ.

ނިންމާލަމުން ވެސް މިއުސަން ބުނީ އޭނާ މިދާއިރާއަށް ނެރެދިނުމަށް އެހީތެރިވި ނަސްރުއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އޭއޯނިއުސް އިން ވެސް އެދެނީ މިއުސަންގެ މަސައްކަތަށް ކާމިޔާބާއި ކުރިއެރުން ލިބިގެން ދިއުމަށެވެ.