ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މީގެ ކުރިންވެސް ޝާހިދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ވަނީ އަބުރާ ނަގާފައެވެ. އަދި އެ މައްސަލަ އަލުން މިއަދު މަޖިލީހާށް ހުށަހަޅާފައިވާއިރު ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ސަބަބު ހާމަކުރައްވާފައެވެ.
މި ގޮތުން ޝަރީފް ވިދާޅުވީ ގާނޫނު އަސާސީގެ 132 ވަނަ މާއްދާގެ (ޅ)ގައި ބަޔާންކޮށްފައިވާ ގައުމީ އަދި ބައިނަލްއަގްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމުހުރިއްޔާއަށް ލަފާދިނުމަކީ ވަޒީރެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއްކަމަށެވެ. އެހެންނަމަވެސް މިނިސްޓަރު ޝާހިދު އެފަދައިން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ޗާގޮސް މައްސަލާގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިއުމުން ނުވަތަ ވިއްކާލުމުން ރާއްޖޭގެ މަސްވެރިންނަށް އެހިސާބަށް ނުދެވުމަކީ މިނިސްޓަރު ޝާހިދުގެ އިހުމާލު އޮތްކަމެއްކަމަށެވެ.
އިތުރަށް އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.