English Edition
Dhivehi Edition
ފޮޓޯ: ހެލްތް މިނިސްޓްރީ

ރާއްޖޭގެ 15 އަތޮޅެއްގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސާރޖިކަލް އިންސްޓްރޫމަންޓް ހަދިޔާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ހަދިޔާކޮށްދެއްވީ ހެލްތު މިނިސްޓަރު އަޙްމަދު ނަޞީމެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން ސަރޖިކަލް އިންސްޓްރޫމަންޓް ހަދިޔާކުރި 15 ތަނުގެ ތެރޭގައި ގއ. އަތޮޅު ހޮސްޕިޓަލް އަދި ފުވައްމުލައް ސިޓީގެ ހޮސްޕިޓަލްގެ އިތުރުން ހއ. އަތޮޅު ހޮސްޕިޓަލް، ށ. އަތޮޅު ހޮސްޕިޓަލް، ނ. އަތޮޅު ހޮސްޕިޓަލް، ބ. އަތޮޅު ހޮސްޕިޓަލް، ޅ. އަތޮޅު ހޮސްޕިޓަލް، ކ. ތުލުސްދޫ ހޮސްޕިޓަލް، އއ. އަތޮޅު ހޮސްޕިޓަލް، އދ. އަތޮޅު ހޮސްޕިޓަލް، ވ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ. އަދި މ. މުލީ ރީޖަނަލް ހޮސްޕިޓަލާއި، ފ. އަތޮޅު ހޮސްޕިޓަލާއި، ދ. އަތޮޅު ހޮސްޕިޓަލާއި، ތ. އަތޮޅު ހޮސްޕިޓަލު ހިމެނެއެވެ.

މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރުނަސީމު ވިދާޅުވީ، ސިއްހީ ފަރުވާގެ ނިޒާމު ވަރުގަދަކުރެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އިތުރަށް މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ހަދިޔާކުރެވުނު މި ތަކެއްޗާއެކު އެ ތަންތާނުގެ ހިދުމަތްތައް އަވަސްވެ، ހިދުމަތް ދިނުމުގައި އެތައް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ އަތޮޅުތެރޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުއްވުމަށް މިހާރު ސޮއެކުރެވިފައިވާކަން ހާމަކުރައްވާފައެވެ.އަދި ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އިންސާނީ ވަސީލަތުގެ މައްސަލަ ހައްލުކުރައްވައި މުހިއްމު ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.