English Edition
Dhivehi Edition
އެސްޓިއޯ ފާމަސީ، އައްޑޫ ސިޓީ ހިތަދޫ

ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު، ތަންފީޒުކުރަން ފަށާ ތާރީހު ފަސްކޮފި އެވެ.

އެމްއާރުޕީ ކަނޑައަޅައި އާންމުކުރި ގަވާއިދުގައި މީގެ ކުރިން ނިންމާފައި އޮތީ މި ހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޭހުގެ އަގު ކޮންޓްރޯލު ކުރާށެވެ.

އެހެންނަމަވެސް މިއަދު ހެލްތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައި ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައަޅަން އަންގައިފައިވާތީ ރާއްޖެ އެތެރެކޮށް ވިއްކާ ހުރިހާ ބޭހަކަށް އެމްއާރުޕީ ކަނޑައެޅުން މާޗުމަހަގެ އެއްވަނަ ދުވަހަށް ފަސްކޮށްފައިވާކަމަށެވެ. އަދި އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ބޭހުގެ އެމްއާރުޕީ ކަނޑައެޅުމަށްފަހު ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނީވެސް އެ ތާރީހުން ފެށިގެން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

މީގެއިތުރުން މާޗު މަހުން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ފާމަސީތަކުން ހިދުމަތް ހޯދަން އަންނަ މީހުންނަށް ފެންނަން ހުންނަން ޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖެ އިމްޕޯޓުކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް، ޖެނުއަރީން ފެށިގެން އެމްއާރުޕީ ތަންފީޒު ކުރަން ހަމައްޖައްސާފައިވާ އިރު ބޭސް ގަންނަ އަގަށް ގިނަވެގެން ލެވޭނީ 100 ޕަސެންޓް މާކްއަޕެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެމްއާރުޕީ ތަންފީޒުކުރުމަށްފަހު އެ ގަވާއިދާ ހިލާފަށް ބޭސް ވިއްކާނަމަ އެ ތަނެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެކަން ތަކުރާރުކޮށްފި ނަމަ، ދެވަނަ ފަހަރަށް 10،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި ދެންވެސް ކުށް ތަކުރާރު ކޮށްފިނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފަ އެވެ.