ތިން ރަށެއްގައި އައު ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފެށުމަށް އެމްޓީސީއާއި މިއަދު ހަވާލުކޮށްފިކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
މ.މުލީ އަދި ނ މަނަދޫގައި އެޅުމަށް ހަމަޖެހިފައިވަނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. 185 މިލިއަން ރުފިޔާގެ މި ދެ މަޝްރޫއުއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މަޝްރޫއުތަކެކެވެ.
ރ އަލިފުށީގައި އެޅުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އެއީ 128 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކުރި މަޝްރޫއުއެކެވެ.
“މިއީ ސަރުކާރުން އަތޮޅުތަކުގައި ދޭ ސިއްހީ ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން އަޅާ ހޮސްޕިޓަލްތަކެއް. މި 3 ރަށުގައި އައު ހޮސްޕިޓަލް ޢިމާރާތްތައް ޤާއިމްކޮށް ޚިދުމަތްދޭން ފެށުމާއެކު، މިހާރު މި ރަށްރަށުގެ ހިދުމަތްދޭ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެ” -ހެލްތް މިނިސްޓްރީ-
މި ހޮސްޕިޓަލްތަކަކީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ޙާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނޭ ގޮތަށް ހަދާ ހޮސްޕިޓަލްތަކެކެވެ. މީގެ އިތުރުން ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި ސޯލަރ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އެޅިފައިވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތު ދެއެވެ.