އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕެއިން ފަށައި ކޮންމެ ހަފުތާއަކު އެ ޕާޓީގެ ޓީމުތައް އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމަށް ނިންމައިފިއެވެ.
ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިހާރު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތްކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ ކަންތައް ޑރ. ޖަމީލާއި އެ ޓީމަށް ދޫކޮށްލުމަށްފަހު ރައީސް ޔާމީންގެ ކެމްޕެއިނައިގެން ކުރިއަށް ދިއުމަށް އަބްދުއް ރަހީމް ވަނި އެދިވަޑައިގެންފައެވެ.
އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުގެ މެދުގައި ކުރެވުނު މަޝްވަރާތަކަށްފަހު މި ހަފުތާ ބަންދުން ފެށިގެން ކޮންމެ ހަފުތާއަކު ވެސް ޕީޕީއެމްގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުކުރާނެކަމަށެވެ.
މީގެ އިތުރުން އަބްދުއް ރަހީމް ވިދާޅުވީ މެދުކެނޑުމެއް ނެތި ފަސް މަސް ދުވަހު މުޒާހަރާކުރި އެއްވެސް ޕާޓީއެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީންގެ ހައްގުގައި އެހެން އެއްވެސް ޕާޓީއަކުން މަސައްކަތްނުކުރާ މިންވަރަށް ޕީޕީއެމްގެ ސަޕޯޓަރުން މަސައްކަތްކުރަމުން އަންނަކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ. މުޒާހަރާގެ ބައިވެރިންގެ އަދަދު މަދުވުމަކީ ކަންބޮޑުވުމެއް ނޫންކަން ފާހަގަކުރަމުން އަބްދުއް ރަހީމް ވިދާޅުވީ ސަޕޯޓަރުންގެ ހިތްވަރަކީ ޕާޓީއަށް ލިބޭ ހިތްވަރެއްކަމަށެވެ.