އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އަށް ދާއީދު ކުރާ “ފިކުރެއްގެ ދިރުން” ފެކްޝަންގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކަށް ފިޔަވަޅު އަޅައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕު (ޕީޖީ) އިން އެދިއްޖެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން އެ ޕާޓީގެ ސެކްރެޓޭރިއެޓްގައި ފިޔަވަޅު އަޅައިދޭން އެދިފައި ވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ.
އޭއޯ ނިއުސްއަށް އެނގިފައިވާ ގޮތުގައި ޢަލީ ޢާޒިމަށް ފިޔަވަޅު އަޅަން ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމުން ނެވެ. އަދި ދެން ތިއްބެވި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވަނީ އެ މެމްބަރުން މަޖިލީހުގައި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރެއްވުމާއި ވިޕްލައިނާ ހިލާފުވެ، ޕާޓީގެ ގަވާއިދުތަކާ ހިލާފަށް މަސައްކަތް ކުރައްވަމުން ގެންދަވާތީ އެވެ.
އެމްޑީޕީން ކުރިން ބުނެފައިވަނީ އިދިކޮޅު ފަރާތްތަކާއި ގުޅިގެން ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ނިންމުމާ ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ވަނީ މިހާރު “ކަނޑު ވިއްކުމާއި ދެކޮޅު އިއްތިހާދު”ގެ ނަމުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންދާނެކަން އިއުލާންކޮށްފައެވެ.
މި އިއްތިހާދުން ބޭއްވި ފުރަތަމަ ނޫސްވެރިވެރިންގެ ބައްދަލުވުން ހޮޓެލް ޖެންގައި މި މަހުގެ 14ވަނަ ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕީޕީއެމް/ޕީއެންސީ އާއި ރައީސް ނަޝީދުގެ “ފިކުރެއްގެ ދިރުން” ފެކްޝަނާއި ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީއެވެ.
މީގެ ކުރިން ވެސް ވިޕްލައިނާ ހިލާފުވެގެން އިލްޔާސްއާއި ހަސަން ލަތީފާއި ޔާސިރާއި އިންތިއަށް ވަނީ ނަސޭހަތްދީ، ފިޔަވަޅު އަޅައިފައެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމާއި ނޫނީ މެމްބަރެއްގެ ސަބަބުން ޕާޓީގެ މަސްލަހަތަށް ގެއްލުންވާ ކަމަށް ފެނިއްޖެ ނަމަ، ފިޔަވަޅު އަޅާ ކޮމިޓީއަށް ހުށަހެޅޭ މައްސަލަ ބެލުމަށް ފަހުގައި އެ މެމްބަރަކަށް ފިޔަވަޅު އެޅުމަށް ގަވާޢިދު ތަން ދެއެވެ.އެގޮތުން ވިޕާ ހިލާފުވުމުން އެމްޑީޕީން އަޅާ ފިޔަވަޅުތަކަކީ ފުރަތަމަ ފަހަރު ނަސޭހަތްދިނުން، ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މައާފަށް އެދެން އެންގުން، ތިން ވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑައިލުން، ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުމާއި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން އަދި ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުމެވެ.