English Edition
Dhivehi Edition

ރައީސް އަބްދުالله ޔާމިން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުން މިރޭ 8:15 އަށް އެ ކޯޓުގައި ތާވަލުކޮށްފި އެވެ.

އެކަން ރައީސް ޔާމިންގެ އިސް ޤާނޫނީ ވަކީލު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ޑރ ޖަމީލު ވިދާޅުވީ ‏ސުޕްރީމް ކޯޓުގައި ކުރިއަށްދާ ރ. ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ އިސްތިޢުނާފު މައްސަލައިގެ ހުކުމް ކުރުމުގެ އަޑުއެހުން މިރޭގެ 8:15 އަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި ވާކަމަށެވެ. އަދި މި އަޑުއެހުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމިން ސުޕްރިމް ކޯޓަށް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރިމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ނިންމާލާފަ އެވެ.

އެ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ ތިން ނުކުތާއެއް ހުށައަޅުއްވާފައި ވެއެވެ.

އެއްކަމަކަށް ހުށައެޅުއްވީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ހުށައެޅި ހުށައެޅުމުން އެ ހެކިތައް ބަލައިނުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދަށުކޯޓުން ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓާފައިވާވުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ހުށައަޅުއްވާފައިވަނީ ރައީސް ޔާމީނު ވިދާޅުވީ ފުއްގިރި މައްސަލައިގެ ޝަރީޢަތުގެ ކުރިން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނޭ ހެކި ހާމަކުރުމުގެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ދެމެހެއްޓުމާއި ގުޅިގެން ހުށައެޅި އިސްތިއުނާފީ ނުކުތާއެވެ.

ތިން ވަނަ ނުކުތާއެއްގެ ގޮތުގައި ރައީސް ޔާމިންގެ ފަރާތްޕުޅުން ހުށައެޅުއްވީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން އެދިލެއްވީ އަދީބާއި ޒިޔަތަކީ އެމަނިކުފާނުގެ އަދާވާތްތެރިންގެ ގޮތުގައި ކަނޑައަޅައިދީ އެމަނިކުފާނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ދެން ހުރި ހެކިތަކާއި ގުޅިގެންވެސް އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ރައީސް ޔާމިންގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގަންނަވާފަ އެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުން އަދި ދަށު ކޯޓުން ވެސް ނިންމާފައިވާ ނިންމުން ދަމަހައްޓައިދިނުމަށް ސުޕްރިމް ކޯޓުގައި އެދިފައެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލެއްވުމަށްފަހު ސުޕްރިމް ކޯޓުން ވަނީ މިއީ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި މިއަދާއި ހަމަޔަށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވެފަ އެވެ.