ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް ތަރައްގީކޮށްފިއެވެ.
މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ. މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައެވެ.
މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުން ޖަމިއްޔާގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވީ މިރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުންނަ ކަމަށާއި އެހެންކަމުން މި ޕްރޮޖެކްތުގެ ދަށުން އެންމެ ބޮޑު މަގުސަދަކަށްވީ މި ޕާކު ތަރައްގީކޮށް ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
“ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާ އަށް ކުރަމުންދާ މަސައްކަތަށް ޝުކުރުއަދާކުރަން.” އޭނާ ވިދާޅުވިއެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.