English Edition
Dhivehi Edition

ކޮސޯވޯއަކީ ވަކި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ކުރިން ބަލައިގަނެ، އެހެންނަމަވެސް އެ ނިންމުން ބަދަލުކޮށްފި ކަމަށް ސާބިއާގެ ރައީސް އެލެކްސެންޑާ ވުޖިކް ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން ދޮގު ކުރުމާއި ގުޅިގެން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ގެ ބަހުގެ ހަމަލާތަކެއް ދިވެހި ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

ދުންޔާ ގެ ބަހުގެ ހަމަލާތައް ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ދެއްވި ޖަވާބަކާއި ގުޅިގެންނެވެ.

ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި ރާއްޖެއިން ބަލައިނުގަންނަކަމަށް ފެތުރިފައިވާ އަޑުތަކާއި ގުޅިގެން ނޫސްވެރިޔާ ސުވާލު ކުރުމުން މިއުވާން ވިދާޅުވީ އެއްވެސް ގައުމަކާ ގުޅުން ކަނޑާލުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮސޯވޯއަކީ ވަކި ދައުލަތެއް ކަމަށް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ.

މިއުވާން ވިދާޅުވީ ކޮސޯވޯގެ މިނިވަންކަން ގަބޫލު ނުކުރަން ރާއްޖެއިން ނިންމާފައި ނުވާނެ ކަމަށާއި އެގޮތަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ.

މިކަމާއި ގުޅިގެން ދުންޔާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ވަރަށްދެރަ ކަމަށާއި ދެގައުމުގެ ޚާރިޖީވަޒީރުންގެ ރަސްމީމަޝްވަރާއާ ގުޅޭގޮތުން ގައުމެއްގެރައީސް ދޮގުހެދީތޯ ސުވާލު ކުރައްވާފައެވެ. އަދި މީ އާދައިގެ ކަމެއްނޫން ކަމަށާއި ސާބިއާގެ ރައީސް އެހާޔަގީން ކަމާއެކު އެފަދަކަމެއް އިއުލާނުކުރީ ރަސްމީ މަޝްވަރާގައި ފޮރިން މިނިސްޓަރ ޝާހިދު ކީކޭ ބުނީމަބާ؟ ވެސް ވަނީ ސުވާލުކުރައްވާފައެވެ.

މީގެ އިތުރުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ސާބިއާއަށް ދަނީކީއްވެ؟ ތޯ ވެސް ވަނީ ދުންޔާ ސުވާލު ކުރައްވާފައެވެ.

“ވަރަށްދެރަ. ދެގައުމުގެ ޚާރިޖީވަޒީރުންގެ ރަސްމީމަޝްވަރާއާ ގުޅޭގޮތުން ގައުމެއްގެރައީސް ދޮގުހެދީތަ؟ މީއާދައިގެކަމެއްނޫން.ސާބިއާގެރައީސް އެހާޔަގީން ކަމާއެކު އެފަދަކަމެއް އިއުލާނުކުރީ ރަސްމީމަޝްވަރާގައި abdulla_shahid@ ކީކޭ ބުނީމަބާ؟ ކޮންމެއިންތިޚާބަކާ ދިމާކޮށް ސާބިއާއަށް ދަނީކީއްވެ؟” ދުންޔާގެ ޓްވީޓުގައި ވެއެވެ.

ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުން ނަޝީދުގެ ވެރިކަމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އެ މައްސަލަ ފާހެއް ނުވެއެވެ.