English Edition
Dhivehi Edition

ޤައުމުގެ މިނިވަންކަމެއް ނެތް ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށް އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ “ރައްޔިތުންގެ އުދާސް” ގެ ނަމުގައި އެމްއެންޕީއިން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭން ބޭރުގައި އަޅުގަނޑުމެން މިގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން އަޅުގަނޑުމެންނަށް ގެއްލިފައިއޮތް މިނިވަންކަމުގެ ނިކަމެތިކަން މިއަދު އިޙުސާސް ކުރެވޭކަމަށެވެ. އަދި އަޅުގަނޑުމެންގެ ސިޔާދަތީ ބާރާއި، ބަސްބުނުމުގެ ބާރާއި އިޚްތިޔާރު ފުރިހަމަޔަށް އޮންނަ ބައެއްގެ ގޮތުގައި އޮވެގެން އަޅުގަނޑުމެން މިނިވަންކަމޭ ކިޔަމުންދިޔަ ކަމަށެވެ.

އިތުރަށް ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ފާހަގަވަނީ އެކި މީހުންގެ ބާރުގެ ދަށުގައި މީހުން ބުނާ އެއްޗެއް ބުނާ ބައެއްގެ ގޮތުގައިތިބެ، އަދި އަޅުގަނޑުމެންނަކީ ދުނިޔޭގެ ބޮދެތި ކަންކަމުގަ ބަސްނުބުނެވޭ ވަރަށް ނިކަމެތި ބައެއްގެ ގޮތުގައި ތިބޭ މަންޒަރު ކަމަށެވެ.

ރޭގެ ޖަލްސާގައި ޕާޓީގެ ނާއިބް ރައީސް ދުންޔާ މައުމޫންއާއި، ޕާޓީގެ ސްޕޯކްސް ޕާސަން ޝިދާތާ ޝަރީފްއާއި، ކިނބިދޫ ދާއިރާގެ ރައީސް މުޙައްމަދު ނިޒާމްއާއި އަދި އެމްއެންޕީގެ އެޑްވައިޒަރ ސަލާހް އިބްރާހީމް ވާހަކަފުޅު ދެއްކެވިއެވެ. އަދި ޕާޓީއާއި އަލަށް ގުޅުނު 50 މެމްބަރުންގެ ފޯމު ޕާޓީގެ ރައީސްއާއި ރަސްމީކޮށް ހަވާލުކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

މިޖަލްސާގައި އެމްއެންޕީއަށް ހެޔޮއެދިވަޑައިގަންނާ ފަރާތްތަކާއި ޕާޓީގެ ގިނަ މެމްބަރުން ބައިވެރިވެފައިވެއެވެ