English Edition
Dhivehi Edition
15 ޖަނަވަރީ 2023 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ،

ރައީސް އޮފީހުން، މި ފުރުސަތު މިއަދު ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގައި މިހާރު ތިބި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ހެނދުނު 08:30 އިން ފެށިގެން މެންދުރުފަހު 13:30 އަށް ރައީސް އޮފީހުންނެވެ.

މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެހެން ހުރިއިރު ރައީސް އޮފީހުގެ ވެބްސައިޓްއިން ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރާ މީހުންގެ ކިބައިގައިހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި މުސްލިމަކު ކަމުގައިވުމާއި ދިވެހި ރައްޔިތަކު ކަމުގައިވުމާއި އުމުރުން 25 އަހަރު ވެފައިވުން ހިމެނެއެވެ. އަދި އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުް ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ 5 އަހަރު ވެފައިވާ މީހަކު ކަމުގައިވުން ވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު، މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިގްރާރު، ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމުގެ އިތުރުން ކުރިމަތިލާ ފަރާތުގެ ވަނަވަރު ރައީސް އޮފީހަށް ހުށަހަޅަން ޖެހޭނެއެވެ.