English Edition
Dhivehi Edition

މިނިސްޓަރ މާރިޔާ ދެކުނު އެފްރިކާއަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ދެކުނު އެފްރިކާގެ ކޭޕްޓައުންގައި އޮންނަ “އެފްރިކަން ވިމެން ސަމިޓް-23″ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މި ރޭ ފުރާވަޑައި ގެންފިއެވެ.

ހުޅުލޭ ބައިނަލް އަޤްވާމީ ވައިގެ ބަނދަރުން އެކަމަނާއަށް އަލްވަދާޢު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުލްލަތީފް އާއި މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހްމަދުއެވެ.

އެފްރިކަން ވިމެން ސަމިޓް ކުރިއަށްދާނީ މެއި 11 އިން 12 ގެ ނިޔަލަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށްކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް ޙަސަން ޢާމިރު އާއި މިނިސްޓަރ ބިއުރޯގެ މިލިޓަރީ އެއިޑް ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅަކީ، އެފްރިކާ ވިމެން ސަމިޓް އޮގަނައިޒޭޝަންގެ ފަރާތުން ދަޢުވަތު އަރުވައިގެން އެ ކަމަނާ ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރގެ ވަފްދުގައި ހިމެނި ވަޑައިގަންނަވާ 2 ބޭފުޅުންގެ ދެކޮޅު ދަތުރު ޚަރަދު ފިޔަވާ އެހެން ހުރިހާ ޚަރަދެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ ސަމިޓް އޯގަނައިސް ކުރާ އޯގަނައިޒޭޝަންގެ ފަރާތުންކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިސަމިޓަކީ، އެފްރިކާގެ ބައްރަށް ޢަމާޒުކޮށް، އަންހެނުން ބާރުވެރިކުރުވުމަށާއި، އަންހެނުންގެ ޙައްޤުތައް ކަށަވަރުކޮށް، އިޖްތިމާއީ، ދިފާޢީ، ސިޔާސީ، އަދި އެހެނިހެން ދާއިރާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ސިލްސިލާ ސަމިޓްއެކެވެ. އަދި، މިސަމިޓްގައި، އެފްރިކާގެ ބައްރުގެ ބޭރުން، އެހެނިހެން ދާއިރާތަކާއި ރޮނގުތަކުން ފާހަގަ ކުރެވޭ އަންހެން ބޭކަނބަލުން ބައިވެރިވެ، ތަޤްރީރްކުރެއްވުމަށްވެސް ހަމަޖެހިފައެވެ.

މި ސަމިޓްގައި، މިނިސްޓަރ އޮފް ޑިފެންސް އުސްތާޛާ މާރިޔާ ދީދީ ވަނީ ސަމިޓް ގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ތަޤްރީރު ކުރައްވަން ހަމަޖެހިފައެވެ. އަދި، މީގެ އިތުރުން، މިސަމިޓްގެ ތަފާތު ތީމްތަކަށް ޢަމާޒުކޮށް ބޭއްވޭ ޕެނަލް ޑިސްކަޝަން ތަކުގައިވެސް މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.