ރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ 131 ވަނަ ސިފައިންގެ ދުވަހު ދެއްވި ޚިތާބުގައި މާރިޔާ ވިދާޅުވީ މި ފާއިތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި ސަރުކާރުން ޙާޞިލުކުރި އެންމެ ބޮޑު އެއް ކާމިޔާބީއަކީ އަޅުގަނޑުމެން މިދެކޭ އަމާންކަމާއި ހަމަޖެހުން ކަމަށެވެ.
“ގިނަ ގޮންޖެހުންތަކާއެކުވެސް، ތަރައްޤީގެ ދުވެލީގައި، އަސްކަރީ ދާއިރާވެސް ހިމެނިގެން، ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ މީގެ ކުރިން ރާއްޖެ ދެކެފައި ނުވާފަދަ ހިތްހަމަޖެހޭ ދުވަސްތަކެއް.” މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ޚިތާބުގައި ވިދާޅުވީ ސިފައިންގެ ޝަރަފުގެ ހިނގާލުމާއި، އަސްކަރިއްޔާއިން ހިންގާ އެކިއެކި ޕްރޮގްރާމްތައް ރާއްޖޭގެ ކުދި ބޮޑު އެކި ރަށްރަށަށް ފުޅާވެގެން، ގޮސްފައިވާކަމީ ތަފާތުކުރުމެއް ނެތް ސިޔާސަތުގެ ތެރެއިން ގެންނަމުންދާ ބަދަލުތައް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ސިފައިންނާ ދިމާވާ ކޮންމެ ފަހަރެއްގައި ވެސް، ޤައުމުގައި ސިފައިން އަދާކުރާ މުހިންމު ދައުރާއި، ދިވެހި ރައްޔިތުންގެ އިޙުތިރާމާއި، ލޯތްބާއި ޤަދަރު ލިބޭނޭހެން ސިފައިންގެ ޢަމަލުތައް ބެހެއްޓުމަށ ނަސޭހަތްދެއްވާ ކަމަށާއި އަދި ސިފައިންގެ ޕްރޮފެޝަނަލިޒަމް އެންމެ މަތީ މިންގަނޑުގައި ދެމެހެއްޓުމަށް އަބަދުވެސް ނަޞޭޙަތްތެރިވެ، ބާރު އަޅުއްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މާޒީން ޢިބްރަތް ޙާޞިލްކޮށް، އަދުގެ ޙާލަތު ވަޒަންކުރަމުން، ކުރިމަގަށް ކަންކަން ރޭވުމަށް މަގުދައްކާ ދަންމަރެއްގެ ގޮތުގައި، ކޮންމެ އަހަރަކަށް ވެސް ސިފައިންގެ ޝިޢާރެއް ކަނޑައެޅޭ ކަމަށެވެ.
އެގޮތުން މިއަހަރަށް ކަނޑައަޅާފައި ސިފައިންގެ ޝިޢާރަކީ “ސިފައިންގެ ބަދަހިކަން – ޤައުމުގެ ހަމަޖެހުން” ކަމަށެވެ.
މާރިޔާ ވަނީ އަސްކަރިއްޔާގެ ޒާތީ ޝަޚުސަށް ކިލަނބުކަމެއް އަޔަނުދީ، ސަފުތަކުގެ ބަދަހިކަން ދަމަހައްޓާ، ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ތަމްރީނުވެ، ތައްޔާރަށް ތިބި ބަޔަކަށް ދިވެހި ސިފައިންވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.