English Edition
Dhivehi Edition

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކީ ރާއްޖޭގެ އަމާންކަމާއި ޤައުމުގެ، އިޤްތިޞާދާއިވެސް ގުޅިފައިވާކަމެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމަށް ތަޢާރަފްކުރި “ބިނާރު” ކެމްޕެއިން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ އެއަރޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ މަތީ ފެންވަރުގައި ބެލެހެއްޓުމަކީ މުޅި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މުހިއްމުކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މުޅި ރާއްޖޭގެ ސަލާމަތާއި، އިޤްތިޞާދުގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މުހިއްމު ކަމަށާއި ރާއްޖެއާއި ބޭރު ދުނިޔެ ގުޅުވާލަދޭ ވީއައިއޭއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައި ބޭރުގެ އެހީ އައުމުގެ އެންމެ މުހިއްމު އެއް ބައިވެރިޔާކަމަށެވެ.

ރާއްޖެއަކީ ހުރިހާ މުދަލެއްވެސް އިމްޕޯޓްކުރާ އަދި ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށްވުމާއެކު އެހުރިހާ ސިނާޢަތެއް ކުރިއަރައި ދިޔުމުގައިވެސް ވީއައިއޭގެ ދައުރު ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވާ ކޮންމެ ކަމެއް އެއީ ސީދާ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އިޤްތިޞާދާއި ގުޅޭކަމެއްކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.