English Edition
Dhivehi Edition

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާނާއި އަނބިކަނބަލުން ބުޝްރާ ބީބީގެ ކައިވެނި ސައްހަ ނޫން ކަމަށް ކަނޑައަޅައި އެ ދެމީހުންނަށް އިތުރު ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

ކޯޓުން ނިންމީ 2018 ވަނަ އަހަރު އިމްރާން އާއި ބުޝްރާ ބީބީއާ ގެ ކައިވެންޏަކީ އިސްލާމް ދީނާ ހިލާފު އަދި ގާނޫނާ ހިލާފު ކައިވެންޏެއް ކަމަށެވެ. ސިވިލް ކޯޓުން ހޮނިހިރު ދުވަހު ކުރި ހުކުމުގައި ބުނީ އިމްރާނު ބުޝްރާއާ ކައިވެނިބައްލަވައިގަތީ ބުޝްރާ އެހެން މީހެއްގެ އިއްދައިގައި އިންދައި ކަމަށެވެ. ކޯޓުން ބުނީ ބީބީ ވަރިވުމަށް ފަހު ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން އަލުން ކައިވެނި ކޮށްފައިވާ ކަމަށެވެ.

އިމްރާން އާއި ބުޝްރާ ކައިވެނި ބައްލަވައިގަތީ އިމްރާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ. މި ކައިވެނީގެ މައްސަލަ ހުށަހެޅީ ބީބީގެ ކުރީގެ ފިރިމީހާ ޚަވާރް މަނެކާއެވެ. މަނެކާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާ ބީބީ ވަރިކުރީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށެވެ. އިމްރާން އޭނާގެ ތިން ވަނަ ކައިވެނި ބުޝްރާއާ ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

މި މައްސަލާގައި ހަތް އަހަރުގެ ޖަލު ހުކުމުގެ އިތުރުން އިމްރާން އާއި ބީބީ ފަސް ލައްކަ ރުޕީސް (1،800 ޑޮލަރު؛ 1،420 ޕައުންޑް) އިން ޖޫރިމަނާ ކުރުމަށްވެސް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މިހާރުވެސް ޖަލުހުކުމް ތަންފީޒު ކުރައްވަވަމުން ގެންދަވާ އިމްރާން ޚާނަށް ވަނީ ސަރުކާރުގެ ސިއްރު ލިޔުންތަކެއް ލީކުކޮށްލި ކަމުގެ ކުށް ސާބިތުވެ މިދިޔަ އަންގާރަ ދުވަހު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން ސައުދީ ވަލީއަހުދުގެ ގަހަނާތައް ހިމެނޭ ގޮތަށް އިމްރާނާއި އަނބިކަނބަލުން މަގާމުގައި ތިއްބަވައި ދައުލަތުގެ ހަދިޔާތައް ވިއްކާފައިވާ ކަމަށް ނުވަތަ ބަހައްޓާފައިވާ ކަމަށް ބުނާ މައްސަލައެއްގައި މިދިޔަ ބުދަދުވަހު އެ ދެ މީހުންނަށް ވަނީ 14 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ބުޝްރާ ބީބީ އަށް ގޭބަންދުގައި ހިދުމަތް ކުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެހެންކަމުން އެންމެ ފަހުގެ ހުކުމާއެކު މިއީ އިމްރާނަށް ހަފުތާއެއް ތެރޭ އިއްވި ތިން ވަނަ އަދި ބުޝްރާއަށް އިއްވި ދެ ވަނަ ޖަލު ހުކުމެވެ. އެ ޖަލު ހުކުމުތަކަކީ އިމްރާންގެ ސިޔާސީ މަސައްކަތް ހުއްޓުވަން އަސްކަރިއްޔާ އަޑީގައި އޮވެގެން ކުރުވާ ކަންތައްތަކެއް ކަމަށް އޭނާއާއި އޭނާ ނިސްބަތްވާ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި)އިން ތުހުމަތުކުރެއެވެ.

ޢުމުރުން 43 އަހަރުގައި 1995 ވަނަ އަހަރު އިމްރާން ޚާން ކައިވެނި ކުރީ އިނގިރޭސި ވިލާތުގެ އޭރުގެ އެންމެ މުއްސަނދި އެކެއްކަމުގައިވާ ގޯލްޑްސްމިތު ގެ 21 އަހަރުގެ އަންހެން ދަރިފުޅު ޖެމީމާ ގޯލްޑްސްމިތު އާ އެވެ. އެ ކައިވެންޏަށް ނުވަ އަހަރު ދެމިގެން ދިޔައިރު ދެ ފިރިހެން ދަރިން ލިބުނެވެ. އޭގެ ފަހުން ނޫސްވެރިޔާ އަދި ކުރީގެ ބީބީސީގެ މޫސުމާ ބެހޭ ޕްރެޒެންޓަރު ރެހާމް ޚާންއާއި 2015 ވަނަ އަހަރު ކުރި ދެވަނަ ކައިވެންޏަށް ވީ އަހަރަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެކެވެ. 2018 ވަނަ އަހަރު ބުޝްރާ ބީބީއާއި އިމްރާން ކައިވެނި ބައްލަވައިގަތް ހަފުލާއަކީ ވަރަށް އާދައިގެ ހަފްލާއެކެވެ. އެއީ އިމްރާން ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިންނެވެ.

.