މޮނިކޮމް އަމުރާ ހިލާފުވި މީހަކު 6 މަސް ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މޮނިކޮމް އަމުރާ ހިލާފުވެގެން ގޭ ބަންދުކުރުމަށް ހުކުމްކޮށްފައި ވަނީ ތ. ތިމަރަފުށީ ގާޑަން ހައުސް، އަހްމަދު ރިޝްވާންގެ މައްޗަށެވެ.
މިދިޔަ އަހަރު ރިޝްވާންގެ މައްޗަށް ހައިކޯޓުން ނެރެފައިވާ މޮނިކޮމް އަމުރުގައިވާ ގޮތުން ރޭގަނޑު 8:30 އިން ފެށިގެން ފަތިހު 5:00 ހަމައަށް ބޭރަށް ނުދިއުމަށް ވަނީ އަމުރު ކޮށްފައެވެ. އެހެންނަމަވެސް އެ އަމުރާ ހިލާފްވެ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެރޭ ރިޝްވާން ގެއިން ބޭރަށް ގޮސްފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް މޮނިކޮމް އަމުރަކާ ހީލާފް ވުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.
ދައުލަތުން ރިޝްވާން އާ ދެކޮޅަށް އުފުލި ދައުވާއަށް އޭނާ އިއުތިރާފް ވުމާ ގުޅިގެން މި މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އަވަސް ނިޔާގެ ޝަރީއަތުގެ އަޑުއެހުމެއްގެ ގޮތުގައެވެ. މި ކުށަށް ކަނޑައެޅޭނެ އަދަބަކީ 18 މަސް ދުވަހަށް ގޭބަންދު ކުރުން ނުވަތަ ޖަލަށްލުން ކަމުގައި ވިޔަސް، ދައުލަތާއެކު އިޢުތިރާފު އެއްބަސްވުމެއް ހަދާފައިވާތީ ދައުލަތުން ވަނީ އޭނާގެ މައްޗަށް 12 މަސް ދުވަހަށް ގޭބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އަދި އޭނާ މި މައްސަލައިގައި ބަންދުގައި ހޭދަކުރި 5 މަހާއި 1 ދުވަސް އޭނާގެ މައްޗަށް ކަނޑައެޅޭ އަދަބުން އުނިކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.
މި މައްސަލަ ބެއްލެވި ގާޒީ މުހައްމަދު މިސްބާހު ވަނީ ދެ ފަރާތުގެ ވާހަކައަށް ރިއާޔަތްކޮށް މޮނިކޮމް އަމުރަކާ ހިލާފުވުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާފައެވެ. އަދި އިއުތިރާފާއި އޭނާ ބަންދުގައި ހުރި މުއްދަތަށް ރިއާޔަތްކޮށް 6 މަހާއި 29 ދުވަހަށް ގޭ ބަންދު ކުރުމަށް ވަނީ ހުކުމް ކޮށްފައެވެ.