English Edition
Dhivehi Edition
ޕާޓީ ޑްރަގްސް

އަވަށްޓެރި ސްރީ ލަންކާގައި މަސްތުވާތަކެތި ގެންގުޅުނު ދިވެއްސަކު ހަތް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ލަންކާގެ ސަރުކާރު ނޫހެއް ކަމުގައިވާ “ޑެއިލީ ނިއުސް”ގައިވާ ގޮތުގައި ޕާޓީ ޑްރަގެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ޒިދާން އިބްރާހިމް ނަމަކަށްކިޔާ ދިވެއްސަކު ހައްޔަރުކުރީ 16 މެއި 2018 ގައެވެ. އޭނާ ހައްޔަރުކުރީ މަނާ ބާވަތެއްގެ މަސްތުވާތަކެތި އެތެރެކޮށް ވިއްކުމުގެ ތުހުމަތުގަ އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެހިވަލައަވަށުން ޒިދާން ހައްޔަރުކުރީ، ލަންކާގެ ސްޕެޝަލް ޓާސްކްފޯސް އޯގަނައިޒްޑް ކްރައިމް ޑިވިޝަނުން ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ދިވެހިންގެ ބޮޑު އާބާދީއެއް އޮންނަ ލަންކާގައި މަސްތަވާތަކެތީގެ އެކި މައްސަލަތަކުގައި މީގެ ކުރިންވެސް ގިނަ އަދަދެއްގެ ދިވެހިން ހައްޔަރުކޮށްފައިވެ އެވެ.

ލަންކާ ގައި ކުރިން ކޮށްފައިވާ ސާވޭ އެއްގައި ޑްރަގާއެކު ސްރީލަންކާއިން އަތުލައިގެންފައިވާ ބިދޭސީންގެ ތެރެއިން ތިންވަނައަށް އެންމެ ގިނައީ ދިވެހިން ކަމަށްވަނީ ދައްކާފައެވެ.